ތަޖުރިބާކާރު މިޑްފީލްޑަރު އަންރެސް އިނިއެސްޓާ ބާސެލޯނާއަށް ކުޅުނު އެންމެ ފަހު މެޗަށްފަހު ދަނޑުމަތީގައި އިށީނދެގެން އިން މަންޒަރު ފެންނަ ފޮޓޯއިން ފުޓުބޯޅައަށް ލޯބި ކުރާ އެތައް ބައެއްގެ ހިތްތަކަށް އަސަރު ކޮށްފިއެވެ.
ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާ ރެއަލް ސޮސިޑާޑް އާއި ދެކޮޅަށް ނުކުތް މެޗަކީ އިނިއެސްޓާ ބާސާއަށް ކުޅުނު އެންމެ ފަހު މެޗެވެ. އެ މެޗަށް ފަހު ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުވެސް ދަނޑުން ފައިބައިގެން ދިޔަ ފަހުންވެސް އިނިއެސްޓާ ހުރީ ދަނޑު މަތީގައި އިށީނދެގެންނެވެ.
މެޗު ނިނުމުނުތާ ގަޑިއިރުތަކެއް ވިއިރުވެސް އިނިއެސްޓާ އޭނާގެ ހިޔާލުތަަކަށް ގެއްލިފައި ދަނޑުމަތީގައި އިން މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި ދަރުވަމުންދާއިރު އެހެން ކްލަބުތަކުގެ ސަޕޯޓަރުންވެސް ދަނީ އޭނާއަށް ހައްގު އިހުތިރާމް އަދާ ކުރަމުންނެވެ.
ބާސާ އަށް ފަހު މެޗު ކުޅެދިނުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން އިނިއެސްޓާ ވަނީ އޭނާ އެންމެ ކުޑައިރު އެ ކްލަބަށް ވަން އިރު އޭނާއަށް ދިން އިހުތިރާމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާ ބާސާއަށް ވަނީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށާއި ބާސާ ދޫކޮށްފައި ދަނީ ބޮޑުވެފައި ހުރި ފިރިހެނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
00:55 de la madrugada @andresiniesta8 está sentado en el césped del Camp Nou sacándose selfies descalzo. Inmortalizando este último momento en el que ha sido su jardín durante 22 años. @tjcope @partidazocope pic.twitter.com/Oe5jmUNdMs
— Helena Condis Edo (@HelenaCondis) May 20, 2018
އިނިއެސްޓާ ވަނީ ބާސާގައި ހޭދަކުރި 22 އަހަރު ތެރޭގައި އެ ޓީމަށް 675 މެޗު ކުޅެދީ 57 ގޯލު ކާމިޔާބުކޮށް 142 އެސިސްޓު ހަދާފައެވެ. ބާސާގެ ކެޕްޓަންކަން ވެސް ކުރަމުން އައި އިނިއެސްޓާ ވަނީ އެ ކްލަބާ އެކު 33 ތަށި ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެނިޝް ލީގް ނުވަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައެވެ. މީގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑްކަޕްވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
އިނިއެސްޓާ ބާސާ އަށް އަލްވަދާއު ކިޔާފައިވާއިރު އޭނާ ވެފައި މިވަނީ އެ ކްލަބުގެ ލެޖެންޑަކަށެވެ. އޭނާ ދެން ކުޅޭނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތަށް ބުނާ ގޮތުން އިނިއެސްޓާ ދެން ފެނިގެންދާނީ ޗައިނާގެ ކްލަބަކުންނެވެ.
އެއްވެސް އަސަރެއް ނުކުރޭ.