މި ސީޒަން ވެގެންދާނީ ރެއާލްމެޑްރިޑަށް އުނދަގޫ ސީޒަނަކަށް ކަމަށް އެ ޓީމުގެ ކޯޗު ޒިދާން ބުނެފިއެވެ.

ޒިދާން މިހެން ބުނީ އަންގާރަ ދުވަހުރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ކުޅުނު މެޗުގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑާއިއެކު އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ. މެޗަށްފަހު ޒިދާންބުނީ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއިމެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.

"އަހަރެން ހިޔެއްނުކުރަން މި މެޗު މިގޮތަށް ނިމިގެންދާނެ ކަމަކަށް، ނަމަވެސް ކުޅުންތެރިން ދައްކައިދީފި މެޗުގައި އެމީހުނަށް އެގޭކަން ނަތީޖާ ބަދަލުކޮށްލަން" ޒިދާން ބުންޏެވެ.

"އަހަރެން ހީކުރީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅު ކަމަށް، ނަމަވެސް ހެދުނު ގޯހަކުން ފުރަތަމަ ލަނޑު ވަދެ އުދަގޫތަކާ ދިމާވީ، މިއީ ހުރިހާ އެންމެނަށްވެސް އުނދަގޫ އަހަރެއް ނަމަވެސް ކުޅުންތެރިން މިގޮތަށް ކުޅޭނަމަ ކުރިއަށްއޮތް ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތް"

ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ބޮރޫޝިއާ ޕާކުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް ރެއާލުން އުފެއްދި ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފެއެވެ. މެޗުގައި ފުރަތަމަ ދެލަނޑު ޖަހައި ބޮރޫޝިއާ މޮންޗެންގްލަޑްބަކް ކުރީގައި އޮތްއިރު ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސެމީރޯއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ ފުލުގައި ރެއާލް އޮތީ އެންމެ ޕޮއިންޓަކާއެކުގައެވެ. މި ގުރޫޕުގެ އެއްވަނަ ލިބެނީ ޝަހްތަރު ޑޮނެސްކް އަށެވެ. ދެވަނައިގައި މޮންޗެންގްލަޑްބަކް ދެ ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އިންޓަ މިލާންވެސް އޮތީ ދެ ޕޮއިންޓާއެކުގައެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.