ފްރާންސް ލީގުގައި މިރޭ ޕީއެސްޖީން ފަހުހާފުގައި މޮޅުކުޅުމެއް ދައްކާ ނާންތެގެ މައްޗަށް ކުރިހޯދައިފިއެވެ.

ނާންތެގެ ދަނޑުގައި ކުޅުނު މިމެޗުން ޕީއެސްޖީ މޮޅުވީ 0-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީއިން ޖެހި ތިންލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

ފުރަތަމަ ހާފުގައި މެސް މޮޅު ކުޅުމެއް ދައްކާ މެޗުގެ ކޮންޓްރޯލް ޕީއެސްޖީން ހިފެހެއްޓިއިރު އިންޖަރީގައި ހުރި އެޓީމުގެ ތަރި ނޭމާ ނެތްތަން މިހާފުގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ހާއްސަކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ޕީއެސްޖީގެ ފޯވާޑްލައިނަށް ނުހިފޭކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

އެހެންނަމަވެސް ދެވަނަހާފު ވަރުގަދަކޮށް ފަށާ ޕީއެސްޖީން ވަނީ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. މިލަނޑު މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެންޑާ ހެރެއިރާއެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑަކީ އޭރިއާ ތެރެއިން ނޯންޓްސްގެ ޗާލްސް ކަސްޓެލެޓޯ އެމްބާޕޭ ކޮއްޕާލުމާއި ގުޅިގެން ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެއްގައި މެޗުގެ 65 ވަނަމިނެޓުގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ހަތްމިނެޓު ފަހުން ނާންތެއަށްވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް ކެޑަރ ބަމްބާ ފޮނުވާލި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސްވަނީ ދިފާއުކޮށްފައެވެ.

މެޗުނގައި ޕީއެސްޖީއިން ޖެހި ފަހުލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ.

މީގެއިތުރުން ފްރެންޗް ލީގުގައި މިއަދު ސެއިންޓް އެޓިއޭން އާއި މޮންޓްޕެލާގެ ކުރިމަތިލުމުން ކުރިހޯދީ މޮންޓްޕެލިއަރ އެވެ. އެޓީމު މޮޅުވީ މެޗުގެ ކުރީކޮޅު ސްޓެފީ މަވިޑީޑީ ޖަހައިދިން ހަމައެކަނި ލަނޑުންނެވެ.

މި ނަތީޖާތަކާއެކު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ލިބުނު 21 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ނޯންޓްސް އެއް މެޗު މަދުންކުޅެ ލިބުނު އަށް ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 17 ވަނައެވެ. ސެއިންޓް އެޓިއޭންއަށް 10 ޕޮއިންޓާއެކު ތޭރަވަނަ ލިބޭއިރު މެޗުން މޮޅުވި މޮންޓްޕެލާ އޮތީ ހަތްވަނައިގައި 14 ޕޮއިންޓާއެކުއެވެ.