ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ކުލަބަށް ކޯޗުކަންކޮށްދިން 100 ވަނަ މެޗުގައި އާސެނަލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މެޗުގައި އާސެނަލްގެ ގޯލު ކާމިޔާބުކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުން އޮބަމަޔަންގް އެވެ. އޭނާ މި ގޯލު ޖަހާފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އެ ޓީމަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އާސެނަލްގެ ހެކްޓާ ބެލެރިން އަށް ޕައުލް ޕޮގްބާ ފައުލްކުރުމާއި ގުޅިގެންނެވެ.

މި ކާމިޔާބީއާއެކީ އާސެނަލްއަށް ވަނީ ހާއްސަ ޝަރަފެއް ލިިބިފައެވެ. މިއީ 2006 ގެ ސެޕްޓެމްބަރުގެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

މި މެޗުގައި ޔުނައިޓެޑަށް ގޯލުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އާސެނަލްގެ ފަރާތުން މި މެޗުގައި ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެ ޓީމު އަށްވަނައިގައި އޮތީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. މެޗުން ބަލިވި ޔުނައިޓެޑު އޮތީ ތާވަލުގެ 15 ވަނައިގައެވެ. މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުތަކުން އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ.