އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާއި އެކު މަސައްކަތް ކުރުމަށް އެއްވެސް އުނދަގޫކަމެއް ނެތް ކަމަށާއި މެސީގެ ފަރާތުން ފެންނަނީ ޓީމަށް ކާމިޔާބީހޯދައިދިނުމުގެ އަޒުމުގައި ހުރިތަން ކަމަށް ބާސާގެ ކޯޗް ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން މިހެން ބުނެފައިވަނީ ބާސާއަށް މަދު ދުވަސްކޮޅަކަށް ކޯޗުކަން ކޮށްދިން ކީކޭ ސެޓިއެން މެސީއާއި މެދު ހިތްހަމަ ނުޖެހިގެން ދައްކާފައި ހުރި ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީޑިއާ ތަކާއި ވާހަކަދައްކަމުން ސެޓިއެންވަނީ މެސީ އަކީ ކޯޗުންނަށް އިހުތިރާމް ނުކުރާ ކޯޗުންގެ ބަސް ގަބޫލުނުކުރާ ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. އަދި މެސީ އަކީ ކޯޗުންގެ މައްޗަށް ބަސްބުނަން ބޭނުންވާ އެކުގައި މަސައްކަތް ކުރަން އުނދަގޫ ކުޅުންތެރިއެއް ކަމަށްވެސް ސެޓިއެން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސެޓިއެން ބުނީ މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ކަމަށްވީނަމަވެސް މެސީގެ ގައިގައި ހުންނަ ކަމުނުދާ ކަންތައްތަކެއްގެ ސަބަބުން އޭނާ އާއިއެކު މަސައްކަތްކުރުމުގައި ދަތިތަކެއް ހުންނަކަމަށެވެ. އަދި މިއީ ވަރަށް ގިނައިން މަޝްހޫރު ކުޅުންތެރިންގެ ފަރާތުން ފެންނަކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބާސާގެ ކޯޗުކަމުގެ މަގާމުން ސެޓިއެން ވަކިކުރީ ފާއިތުވީ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ބާސާ ކުޅުނު މެޗުން 8-2 އިން އެޓީމު ބަލިވުމާ ގުޅިގެންނެވެ. ސެޓިއެން އަށްފަހު ބާސާގެ ކޯޗުކަމާއި ހަވާލުވި ރޮނާލްޑް ކޫމަން ވަނީ ކޯޗުކަމާއި ހަވާލުވިފަހުން ތަފާތު އެކިފަހަރު މަތިން މެސީގެ ދިފާއުގައި ވާހަކަދައްކާފައެވެ. މާދަމާރޭ ޗެމްޕިއަންސް ލީގުގައި ޔޫކްރެއިންގެ ޑައިނަމޯ ކީވްއާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ކޫމަން ބުނީ އެހެން މީހުންގެ ވިސްނުން ތަފާތުވިނަމަވެސް އޭނާ އެއަސް އިހުތިރާމް ކުރާ ކަމަށާއި އޭނާއަށް މެސީއާއި އެކު މަސައްކަތް ކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި މެސީއަކީ ބާސާގެ ކެޕްޓަން ކަމުން ކޮންމެ މެޗެއްގެ ކުރިންވެސް އޭނާއާއި ވާހަކަދައްކާ ހިޔާލުބަދަލު ކުރާކަމަށާއި ސެޓިއެންގެ މިވާހަކަތަކަށް އޭނާ ދޮގުކުރާކަމަށެވެ.

މިސީޒަނުގައި ބާސާއިން ދައްކަމުންދާ ދަށް ކުޅުމުގެ ސަބަބުން ކޫމަންއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދާތީ އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ޓީމާއި ގުޅުމެއް ނެތް ފަރާތްތަކުން ދައްކަމުންދާ ބޭކާރު ވާހަކަތަކަށް އޭނާ ސަމާލުކަން ނުދޭކަމަށާއި އޭނާގެ ވިސްނުން ހުންނަނީ ކޮންމެ މެޗަކުން މޮޅުވާން ކަމަށާއި ކުޅުންތެރިންގެ ވިސްނުން ހުރީވެސް ހަމައެގޮތަށް ކަމަށެވެ. އަދި ބާސާގައި ދިގުމުއްދަތަކަށް ހިދުމަތް ކޮށް ޓީމާއެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރަން އުންމީދުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިސީޒަނުގައި ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގައި ބާސާއޮތީ ކުޅުނު ހަމެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ ބާރަވަނައިގައެވެ. ލީގުގައި އެޓީމު މޮޅުވެފައިވަނީ އެންމެ ދެމެޗުންނެވެ. އެޓީމުން ލީގުގައި 10 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް 6 ލަނޑުވަދެފައިވެއެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގުގައި އެޓީމު އޮތީ ގްރޫޕް ޖީ ގެ އެއްވަނައިގައި ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. މާދަމާރޭ އެޓީމުން ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކީވްއާއި ދެކޮޅަށް ނުކުންނައިރު މިމަހުގެ ހަތްވަނަ ދުވަހު އެޓީމުން ލަލީގާގައި ނުކުންނާނީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ.