ސްޕެނިޝް ލީގުގައި ބެޓިސް އަތުން ބާސާ މޮޅުވި މެޗުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބެޓިސްއާއި ދެކޮޅަށް ކުޅުނު މި މެޗުގައި ފާޓީގެ ވާތު ކަކުލަށް އަނިޔާވުމާ ގުޅިގެން، މެޗުގެ ދެވަނަ ހާފު ބާސާއިން ފެށީ ފަޓީ ނުލައެވެ. އޭނާއަށް ފަރުވާދިނުމަށް ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފާޓީއަށް ލިބުނީ ސީރިއަސް އަނިޔާއެކެވެ. އަދި އޭނާގެ ކުރީގެ ފޯމަށް އެނބުރި އަންނަ މި އަނިޔާގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އުމުރުން 18 އަހަރުގައި ކަކުލުގެ ބޮޑު އަނިޔާއެއް ލިބުމަކީ ރަނގަޅުވާން އުނދަގޫކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ފާޓީ ބެލި ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެންމެ މަދުވެގެން ހަތަރު މަސްދުވަސް ވަންދެން ފާޓީ ކުޅުމާއި ދުރުގަ ހުންނަން ޖެހޭނެއެވެ. އަދި ހާލަތު ދައްކާގޮތުން މި މުއްދަތު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ބާސާ ކުޅޭ ގިނަ މެޗުތަކާއި ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން ކުޅޭ މެޗުތަކުގައިވެސް ފުލްކޮށް ކުޅެމުން އަންނަ ފާޓީ ވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެފައެވެ. އަދި އަނިޔާގެ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ބެލެވޭނެ ޖާގަ އެބައޮތެވެ. ބާސާގެ މިހާރުގެ ކޯޗު ކޫމަން އެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައި ފާޓީ ހިމެނެއެވެ.

މި ސީޒަނުގެ މިހާތަނަށް ފާޓީ ކުޅުނު 10 މެޗުގައި ވަނީ ހަ ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގެ އެލް ކްލަސިކޯ މެޗުގައި ފަޓީ ލަނޑު ޖަހާ، ކްލަސިކޯ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    ވަރަށްދެރަ ޕާޓީއަކީ މޮޅުކުޅުންތެރިއެއް ، އަވަސްޝިފާޔަކަށް އެދެން

  2. އެފްރިކާ

    ޕާޓީއެއް ނޫން ޕާރޓޭ އަސްލު ކިޔަނީި.