ރާއްޖޭގެ މަގުބޫލު އޮންލައިން މާކެޓެއް ކަމަށްވާ "ލިބޭ" ގެ މެއިން ސްޕޮންސާއާއެކު މި މަހުގެ 20 ވަނަ ދުވަހު ގއ. ކަނޑުހުޅުދޫގައި ފަށާ ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ލިބޭ ފުޓްސަލް ޓޯނަމެންޓް 2020”ގެ ނަމުގައި ބާއްވާ މި ފުޓްސަލް މުބާރާތަކީ މި އަހަރު މުޅި ހުވަދު އަތޮޅުގައި ވެސް ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މުބާރާތް ފެށެން ހަފްތާ އަކަށް ވެފައިވާ އިރު މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެ އެވެ.


މި
މުބާރާތުގައި މުޅިއެކު 6 ޓީމެއް ވާދަކުރާއިރު އެއީ ކަނޑުހުޅުދޫ އަށް ނިސްބަތްވާ 4 ޓީމަކާއި އަވައްޓެރި ގެމަނަފުއްޓާއި ގައްދޫ އަށް ނިސްބަތްވާ 2 ޓީމެކެވެ. މި މުބާރާތުގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ފުޓްސަލް ކުޅުންތެރިން ފެނިގެންގެންދާއިރު މިއީ ކަނޑުހުޅުދޫގެ ފުޓްސަލް ދަނޑުން ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފުޓްސަލް ތަރިން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ފެނިގެންދާނެ ފުޓްސަލް ތަރިންގެ ތެރޭގައި ފުޓްސަލްގެ ރަސްގެފާނުންގެ ނަމުން މަޝްހޫރު އަލީ ހާފިޒް (ހާއްޕެ)، އަޔާޒް އަހުމަދު (އަޔާ)، ހުސެއިން ޝަރީފް (އޮންލީ)، އިބްރާހިމް އަސްވާދް (ގަބޭ) ގެ އިތުރުން އިބްރާހިމް މުބީން (މުއްކި) ހިމެނެއެވެ.

މި މުބާރާތް ކުރިއަށް ދާނީ ބައިވެރިވާ ޓީމުތަކުގެ މެދުގައި ލީގު އުސޫލުންނެވެ. ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއި ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. އަދި އެހެނިހެން މަގާމުތަކަށްވެސް އިނާމު ލިބިގެންދާނެ އެވެ.

ކަންމަތި ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިބޭ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއްތު

    ތިމުބާރަތަކީ ސިޔާސީ މުބާރާތެއް މުބާރާތް އިންތިޒާމްކުރަންތިބީ މަކަރާއި ޙިލަތުންފުރިފައިވާބައެއް

  2. Anonymous

    ތިކަހަލަ މީހުންގެ ވިސްނުން ހުންނަނީ ސިޔާސީކޮށް..ތި މުބާ ރާތު ހިންގަނީ ކޮން ބަޔެއްކަން ނޭގުނަސް ހިޔެއް ނުވެ މަކަ ރާތް ހީލަތުންހެން...އެންމެން އެގޮތެއް ނުވާނެއްނުން