އިނގިރޭސި ޕްރިމިއަރ ލީގުގައ ިނިއުކާސަލް އަތުން ހޯދި މޮޅާއެކު ޗެލްސީ ތާވަލުގެ އެއްވަނައަށް ވަގުތީގޮތުން ޖެހިލައިފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީއަށް ވަނީ ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލަކީ ނިއުކާސަލްގެ ފެޑެރިކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު އޭނާ އަތުން ވަނީ އޭރިއާ ތެރެއަށް ޗެލްސީގެ މޭސަން މައުންޓް ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ޗެލްސީގެ ޓެމީ އަބްރަހަމް ވަނީ ދެވަނަ ގޯލު ޖަހާފައެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ޓިމޯ ވާނާ ދިން ބޯޅައަކުންނެވެ.

ޕްރިމިއަރ ލީގުގައި ކުޅުނު އިތުރު މެޗަކަށް ބަލާއިރު އެސްޓަން ވިލާއާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 2-1 އިން ބްރައިޓަން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ގޯލުޖަހާފައިވަނީ ބްރައިޓަންއެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެޑަމް ލަލާނާ ދިން ބޯޅައަކުން މި ގޯލު އެ ޓީމަށް ކާމިިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ.

އެސްޓަންވިލާއިން ނަތީޖާ ހަމަހަމަކުރި ލަނޑު 47 ވަނަ މިނެޓުގައި ޓްރައޯރޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އެޒްރީ ކޮންސާ އެވެ. ބްރައިޓަން އިން ލީޑުނެގި ގޯލު 56 ވަނަ މިނެޓުގައި ޕަސްކަލް ގްރޮސް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ސޮލީ މާޗް އެވެ.

މި މޮޅާއެކު ޗެލްސީ ތާވަލުގެ އެއްވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން ލިބުނު 18 ޕޮޮއިންޓާއެކުގައެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 13 ވަނައިގައި ކުޅުނު 9 މެޗުން ލިބުނު 11 ޕޮއިންޓާއެކުގައެވެ. މި ނަތީޖާއާއެކު ބްރައިޓަން އޮތީ 16 ވަނައިގައި 9 ޕޮއިންޓާއެކުގައެވެ. އަދި އެސްޓަންވިލާ އޮތީ ތާވަލުގެ ހަވަނައިގައި 15 ޕޮއިންޓާއެކު އެވެ.