ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަހަމޮވިޗް އިސްރާއީލްގެ ރަށްވެރިކަން ހޯދުމުގެ ހުރިހާ މަރުހަލާތަކެއް ނިމި އިސްރާއީލުން އޭނާ އަށް ރަށްވެރިކަން ދިނުމުގެ އެންމެ ފަހުގެ ކަންކަން ކުރިއަށްދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބީބީސީ އަށް މައުލޫމާތު ދިން މޮސްކޯގައި ހުންނަ އިސްރާއީލް އެމްބަސީގެ އޮފިޝަލަކު ވަނީ އަބްރަމޮވިޗް އަށް އިސްރާއީލްގެ ރަށްވެރިކަން ދިނުމުގެ ކުރިން މިދިޔަ ހަފްތާގައި އޭނާ އާއި އިންޓަވިއު ވެސް ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އަބްރަހަމޮވިޗް އިސްރާއީލްގެ ރަށްވެހިކަން މިހޯދަނީ އިނގިރޭސިވިލާތުގައި އޭނާ ދިރިއުޅުމުގެ ވިސާގެ މުއްދަތު ހަމަވުމުން އިނގިރޭސިވިލާތުން އޭނާގެ ވިސާގެ މުއްދަތު އިތުރުކޮށް ނުދީފައިވަނިކޮށެވެ. އިނގިރޭސިވިލާތުން އަބްރަހަމޮވިޗްގެ ވިސާގެ މުއްދަތު އިތުރުކޮށްދީފައި ނުވަނީ ދާދިފަހުން ރަޝިއާ އާއި އިނގިރޭސިވިލާތާއި ދެމެދު ގުޅުން ގޯސްވެ އެއްގައުމުން އަނެއް ގައުމުގެ ޑިޕްލޮމެޓުންތައް ވެސް ފޮނުވާލާފައި ވަނިކޮށެވެ.

އަބްރަހަމޮވިޗްގެ ވިސާގެ މުއްދަތު އިނގިރޭސިވިލާތުން އިތުރުނުކޮށްދިން މައްސަލައިގައި އިނގިރޭސިވިލާތުގެ ރަސްމީ ފަރާތްތަކުން ވާހަކައެއް ނުދައްކައެވެ.

އިނގިރޭސިވިލާތައް އެތެރެވުމުގެ ވިސާ ނެތުމުން މިމަހު ކުރީކޮޅު އޮތް އެފްއޭކަޕް ފައިނަލް މެޗް ބަލަން ވެސް އަބްރަހަމޮވިޗަށް ވަނީ އިނގިރޭސިވިލާތައް ނުދެވިފައެވެ.

އަބްރަހަމޮވިޗް އަކީ އިނގިރޭސިވިލާތުގައި ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތައް ކޮށްފައިވާ ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އިން ވެސް 2015 ވަނަ އަހަރު ހޮޓަލެއް ގަނެފައެވެ. އޭނާ ވަރަށް ގިނައިން އިސްރާއީލަށް ދަތުރުކުރާ ކަމަށް ވެއެވެ.

އަބްރަހަމޮވިޗް އިސްރާއީލްގެ ރަށްވެރިކަން ހޯދުމާއި ގުޅޭ ގޮތުން އޭނާގެ ތަރުޖަމާން އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    މުއްސަދި ބިލިއަނަރުންގެ ހުރިހާ މީހުންވެސް ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްޔިތުކަން ގެންގުޅޭ. އެއީ ދެން އާކަމަކަށްވެގެން ދައްކަން ޖެހޭވަރު ވާހަކައެއްތަ؟