ރާއްޖޭގެ އެތަކެއް ކުޅުންތެރިން ބަރޯސާވާ ފުޓުބޯޅައިގެ ހަރަކާތްތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކުއްލިއަކަށް ހުއްޓުވާލިތާ މަހަކަށްވުރެ ގިނަ ަދުވަސްވީއެވެ. އެންމެ ފުރަތަމަ ފަރިތަކުރުމުގެ ހުއްދަ ލިބުނީވެސް ތިން ހަފުތާ ވަންދެން ޕްރެސް ކޮންފަރެންސްތަކާއި އެކި އިދާރާތަކުގައި އާދޭސްކޮށްގެންނެވެ. އެއަށްފަހު އެޗްޕީއޭއިން ފާސްކުރި އުސޫލާއެކު ފަރިތަކުރުންތައް ފެށިއިރު އެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖަހަން އެންގިއެވެ. އެއާއެކު ގިނަ ޓީމުތަކުން ތިބީ ލީގުގެ ކުޅުން އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް ކަންކަން ދަނީ ހީކުރި ގޮތާއި ހިލާފަށް "ކަންޖޫސް" ކޮށެވެ.

އެންމެފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ގޮތް ހުސްވާން ފެށިއެވެ. ބޭރު ގައުމުތަކުން ބޮޑު އަގުގައި ގެނެސް މާލޭގައި ބޮޑު ކުލި ދީގެން ބަހައްޓާފައި ތިބި އެތަކެއް ބިދޭސީ ކުޅުންތެރިންނެއް އަތް އުރާލައިގެން އެބަތިއްބެވެ. ނުވިތާކަށް ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ވަނީ ހަދާނެ ގޮތް ހުސްވެފައެވެ. އެއީ ފުޓުބޯޅައިން ލިބޭ އާމްދަނީ ހުއްޓުމަކަށް އަންނާތީއެވެ. އެއާއެކު ކުލަބުތަކުން އެންމެ ކަންބޮޑުވަނީ އެ ކުލަބުތަކުގެ ސްޕޮންސަރުން އަތުން ލިބޭ ފައިސާ ނުލިބިދާނެ ކަމަށްޓަކައެވެ. މިއީ ހައްތާވެސް ދިވެހި ފުޓުބޯޅައަށް ގެއްލުންހުރި ކަންކަމެވެ.

ޔޫރަޕުގައި ކޮވިޑް-19 ގެ ހާލަތު ރާއްޖެއަަށްވުރެ މާބޮޑަށްވެސް ގޯހެވެ. މަރުވާ މީހުންގެ މިންވަރުވެސް އިތުރެވެ. ބަލި ޖެހޭ މީހުންގެ އަދަދުވެސް ގިނައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ލީގުން ފެށިގެން އަވައްޓެރި އިންޑިއާގެ ލީގުވެސް ދަނީ ކުރިޔަށެވެ. އެއީ އެއީ ކަމާބެހޭ އިދާރާތަކުން ކުޅިވަރުގެ މުހިއްމުކަން ދަންނާތީއެވެ. މިއީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ނުބަލާތީއެވެ. މިއީ ގިނަ އާއިލާތަކެއްގެ އާމްދަނީގެ ގޮތުގައި އެ ގައުމުތަކުން ދެކޭތީއެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ފެންނަނީ ދިމާ އިދިކޮޅަށެވެ.

ހުއްދަދެނީ "މޮހޮނަށް އޮޑިދޭ އުސޫލުން" އެވެ. ޖިމުތަކަށް ގޮސް ބަންދުވެގެން ކަސްރަތުކުރަންވީ އެވެ. ކޮވިޑު ޖެހޭނެކަމަށް ރާއްޖޭގެ ކަަމާބެހޭ އިދާރާތަކުން ގަބޫލެއް ނުކުރެއެވެ. މައްސަލައަކީ މިހާރު ބާވެ، ވީރާނާވެފައިވާ ގަލޮޅު ފުޓުބޯޅަ ދަނޑުގައި މެޗެއް ކުޅެފާނެތީއެވެ. މުޅި ދަނޑުމަތީގައި ތިބޭނީ 22 ކުޅުންތެރިންނެވެ. ނަމަވެސް މިއަދު މާލޭގެ ބައެއް ޖިމްތަކުގައި މިއަށްވުރެ ގިނަމީހުން ތިބޭތަންވެސް ފެނިފަ އެބަހުއްޓެވެ. އެހެންކަމުން ސުވާލަކީ މިވަރުގެ ނިިންމުމެއް ނިންމަން އުނދަގޫވެގެން މިއުޅެނީ ކޮން ސަބަބަކާ ހުރެތޯއެވެ.

ރާއްޖޭގައި އޭޝިއާގެ މެދުފަންތީގެ ކުލަބުތަކަށް އަމާޒުކޮށްގެން ބާއްވާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ބައްރަށް ނިސްބަތްވާ ޓީމުތަކަށް ހާއްސަ މެޗުތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނީ އެކަމަށް އެފްއޭއެމާއި ޔޫތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އަންނަ މަހުގެ ކުރީކޮޅު ކޮލިފިކޭޝަން ފަށާއިރު އަވއްޓެރި އެހެން ގައުމުތަކުގެ ޓީމުތައް ވަރަށް ރަނގަޅަށް ތައްޔާރުވެއެވެ. ނަމަވެސް ރާއްޖޭގެ ޓީމުތައް ޖެހެނީ އިދާރާތަކުގެ ކިބައިން އާދޭސް ކުރާށެވެ. އެޗްޕީއޭއިން އެންގި ގޮތަކަށް ކުލަބުތަކުން ތިބީ ރުހިގެންނެވެ. ވެކްސިން ނުޖެހި ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވެސް އެބަހުއްޓެވެ. ކުލަބުތަކުން މިކަން މިހާ ސީރިއަސްކޮށް ކުރިނަމަވެސް އެޗްޕީއޭއިން މިހާތަނަށް ދިނީ "ބީރު" ކަންފަތެކެވެ.

ވެކްސިން ޖަހައިގެން ލީގު ފަށާނެކަމަށް ކުލަބުތަކުން އުއްމީދުކުރާތާ މިހާރު މަހަކަށް ވަނީއެވެ. ކުލަބުތަކުން ތިބީ ވާނުވާގައެވެ. ގަލޮޅު ދަނޑުގައި ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކުލަބުތަކުގެ މައިގަނޑު ކަންބޮޑުވުމަކީ މިއީއެވެ.

ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރު ފަޅިން މިހާތަނަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް އެންމެ ފަހުން އެދުނީ ކުލަބުތަކުން ވެކްސިން ޖެހުމަށެވެ. އޭގެފަހުން ވެސް މިކަމަށް ހައްލެއް ގެނައުމަށް އެ އިދާރާއިން ކުރި މަސައްކަތް އަދި ކާމިިޔާބުވާގޮތެއް ނުވެއެވެ. ހުރިހާވެސް ބާރެއް އޮތީ އެޗްޕީއޭ އަތުގައެވެ. އެފްއޭއެމުން ފޮނުވާފައިވާ މެއިލްތަކަށް ޖަވާބުނުދޭތާވެސް އެތަކެއް ދުވަސް ވެއްޖެއެވެ. އެފްއޭއެމުންވެސް ތިބީ މި މައްސަލައިގައި ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެހެންކަމުން މި މައްސަލައިގައި އެޗްޕީއޭގެ ނިންމުމެއް ސާފެއް ނުވެއެވެ. ހުދު ޕްރެސް ކޮންފަރެންސް ތަމްސީލުކުރާ ފަރާތްތަކަށްވެސް އެފްއޭއެމުން މެއިލްކުރި ކަމެއްވެސް ނޭނގެއެވެ. ފަހުން އެއީ އޮޅިގެން ބުނި އެއްޗެއް ކަމަށް ރާއްޖެ އެމްވީގައި ބުނެފައިވެއެވެ.

އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގަލްސް މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގައެވެ. ބޫޓާންގެ ތިމްޕޫ އެފްސީއާ ދެކޮޅަށް މި މެޗު ކުޅުމުގެ ފުރުސަތު ލިބިފައިވަނީ މާލޭގައެވެ. އޭގެފަހުން ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު، މި ބުރުން ފުރުސަތު ޔަގީންވެފައިވާ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞާރި

    ކޮބާ މުޒާ ހިރާ ... އޭރަށް ބޮޑު ވަޒީރު އެކްޓިވް ވާނެ

  2. ޝަރޭ

    މަޖްލިސް ކުރިޔަށްދަނިކޮށް އޯކޭއޭ.. އެތަން ހިންގަނިކޮށް އޯކާވާނެ އެކަކު ނުކައި ހުއްޓަސް

  3. ރޯނު އެދުރު

    ކުޅިވަރު ކުޅޭ މީހުނާ މިސްކިތަށް އަރާމީހުން އެޗްޕީއޭގައާއި ހެލްތް މިނިސްޓްރީގަ އަދި ޓެގް ޓީމުގަ ވަރަށް މަދުވާނެ. މުޅިންހެންތިބޭނީ ކުލިނިކްތަކާއި، ލެބޯރަޓަރީ ތަކާއި މެޑިކަލް ސާމާނުގެ ވިޔަފާއި ކުރާ ތަންތަނުގެ ހިއްސާދާރުން.
    ދެންތިބި މުވައްޒަފުންނަށް މުސާރައިގެ އިތުރަށް ދުވާލަކަށް 500 ރުފިޔާ. ދެން މިކަންދާނެގޮތް ވިސްނާލާ.

  4. އަލި

    އަހަރުމެނަށް ހެޔޮ ތި ފުޓްބޯޅައެއް ދުވަހަކު ނުކުޅުނަސް