ފަހުވަގުތު ކާމިޔާބުކުރި ގޯލުން މިސްރުގެ މައްޗަށް 0-1 އިން އުރުގުއޭ އިން ކުރި ހޯދައިފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމު މިއަދު ހަވީރު ކުޅުނު މި މެޗުގައި މިސްރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހު ކުޅެފައެއް ނުވެއެވެ. މި މެޗުގައި ސަލާހު ކުޅެފައިނުވާއިރު ފާއިތުވި ދުވަސްތަކުގައި އޭނާ ހުރީ އަނިޔާގައެވެ. ނަމަވެސް އެ އަނިޔާ އިން އޭނާ މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ކޯޗު ކޫޕާ ވަނީ ބުނެފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އުރުގުއޭ އިން ކުޅުނުއިރު މެޗުގެ ލީޑުނަގަން އެޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ވަނީ ފުދޭވަރަކަށް ހުސް ފުރުސަތެއް މި ހާފުގައި ލިބިގެން ގޮސްފައެވެ. ނަމަވެސް މިސްރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ސުއަރޭޒް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އުރުގުއޭ އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ސުއަރޭޒް އަށް ލިބުނު މި ފުރުސަތަށްފަހު މި ހާފުގައި އުރުގުއޭ އަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.މި ހާފުގައި މިސްރުން ފުދޭވަރަކަށް ޑިފެންސިވް ކުޅުމެއް ކުޅުނުއިރު އެޓީމުން ބޮޑަށް މަސައްކަތް ކޮށްފައިވަނީ ކައުންޓަ އެޓޭކުގައި އުރުގުއޭގެ ގޯލަށް ނުރައްކާ ކުރުމަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ވެސް ސުއަރޭޒް އަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް މިސްރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ މިސްރުގެ ކީޕަރު މުހައްމަދު އެލް ޝެނާވީ ވަނީ ދިފާއުކޮށްފައެވެ.

ސުއަރޭޒް އަށްފަހު އުރުގުއޭގެ އިތުބާރު ފޯވާޑް އެޑިންސަން ކަވާނީ ވެސް ވަނީ މިސްރުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ 89 ވަނަ މިނެޓްގައި ކަވާނީ ފޮނުވާލި ހިލޭޖެހުން އަމާޒުވީ މިސްރުގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އުރުގުއޭ އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މެޗުގެ ލީޑު ނެގުމަށް ފަހުވަގުތުކޮޅުތެރޭ ވެސް އުރުގުއޭ އިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 90 ވަނަ މިނެޓްގައި ހޯޒޭ ހިމިނޭޒް ވަނީ އުރުގުއޭ އަށް ލީޑުނަގައިދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ. އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ހިމިނޭޒް މި ގޯލު ކާމިޔާބުކުރީ މިސްރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މިއަދުގެ މެޗާއެކު ގްރޫޕް އޭގެ ފުރަތަމަ މެޗުތައް މިހާރު ވަނީ ކުޅެ ނިމިފައެވެ. އެގޮތުން މި ގްރޫޕްގައި ހިމެނޭ ރަޝިޔާ އާއި އުރުގުއޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތީ ރަޝިޔާއެވެ. ތިންވަނަ މިސްރަށް ލިބޭއިރު ގްރޫޕްގެ ފުލުގައި އޮތީ ސައުދީ އަރަބިއްޔާއެވެ.

މި ގްރޫޕްގައި އުރުގުއޭ ދެން ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ. މިސްރު ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާއާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތިމާ ދަރި ސަކީނަގެ މާމަ ދަރީގެ ދަރި

    ސަލާހުބޭ!!! ކީއްވެތަ ނޭރީ މެޗަށް. ބާތުޑޭ ގަ އަރާނަމޭ ކިޔާފަވެސް ނޭރި. ވަރަށް ދެރަވިއޭ ބަލިވީމަ?☹. ސަލާހުބެ އެރިނަމަ. ޔޫ އާރް މައި ސުޓާ ✨

  2. ނަންްްް

    ރޯދަ ގެއްލުވާލި މީހަކު ބެންޗުގަ އިނީމަ މިސްރެއް ކަމަކު ބަލިވާނެ ނު