އިޓާލިއަން ލީގުގައި ސައުއޯލޯ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ޖެހި ލަނޑާއެކު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގައި ޖެހި ލަނޑުތަކުގެ އަދަދު 100 އަށް އަރައިފިއެވެ.

ސަސުއޯލޯގެ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ޔުވެންޓަސްއާއި ގުޅުމަށްފަހު ރޮނާލްޑޯ 100 ގޯލު ހަމަކުރި މެޗަށްވާއިރު، މިފަހަރުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޓަމިލާން އެވެ. އެ ޓީމު ވަނީ ރޭ ރޯމާ 3-1 އިން ބަލިކޮށްފައެވެ.

މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޔުވެންޓަސްގެ ތާރީހުގައި އެ ޓީމަށް އެންމެ އަވަހަށް 100 ލަނޑު ހަމަކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ވަނީ ރެއާލަށް 450 ލަނޑު ޖަހައިދީފައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑަށް 118 ލަނޑު ޖަހައިދީފައި ވެއެވެ.

ޔުވެންޓަސް މޮޅުވި މި މެޗުގެ 16 ވަނަ މިނެޓުގައި ސައުއޯލޯއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރ ޖިއަންލުއިޖީ ބުފޯން ވަނީ މި ބޯޅަ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގައި ޔުވެންޓަސް އިން ލީޑުނެގި ލަނޑު ޖެހީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ އެޑްރިއަން ރާބިއޯ އެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު ރޮނާލްޑޯ ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ.

ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި މެނުއެލް ލޮކަޓެލީގެ އެހީއާއެކު ޖިއަކޮމޯ ރަސްޕަޑޮރީ ވަނީ ސަސުއޯލޯއަށް ސުން ކަނޑުވާލަދީފައެވެ. މެޗުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ކުލުސެވްސްކީގެ އެހީއާއެކު ކާމިޔާބުކުރީ ޕައޮލޯ ޑިބާލާ އެވެ.

ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެ ޓީމު ފަސްވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 72 ޕޮއިންޓާއެކު އެވެ.