ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެޓީމު ކަމަށްވާ ޗެކް ރިޕަބްލިކާއި ސްކޮޓްލޭންޑެވެ. ސްކޮޓްލޭންޑްގެ ހަމްޕްޑެން ޕާުކުގައި ކުޅޫމަށް ހަމަޖެހިފައިވާ މި މެޗު ބެލުމަށް 20،000 މީހުންނަށް ފުރުސަތުދޭން ސްކޮޓްލޭންޑުން ވަނީ ނިންމާފައެވެ. ސްޓޭޑިއަމްގެ ޖުމްލަ ޖާގައަކީ 52000 އެވެ.

ޗެކް ރިޕަބްލިކާއި ސްކޮޓްލޭންޑަށް ވެސް މި މެޗަކީ ތާރީހީ ބޮޑު މެޗެކެވެ. މިހާތަނަށް މި ދެ ޓީމު ވަނީ ނުވަ ފަހަރު ބައްދަލުކޮށްފައެވެ. މީގެތެރެއިން ޗެކްރިޕަބްލިކް ވަނީ ހަތަރު ފަހަރު މޮޅުވެފައެވެ. އަަދި ސްކޮޓްލޭންޑް މޮޅުވީ ތިން ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ ޔުއެފާ ނޭޝަންސް ލީގުގައެވެ. އެފަހަރު ސްކޮޓްލޭންޑް މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ސްކޮޓްލޭންޑް

ކޯޗު: ގްރެގޯ ޓައުންސެންޑް

ކެޕްޓަން: އެންޑްރޫ ރޮބަޓްސަން

ނިކް ނޭމް : ދަ ޓާޓަން ޓެރިއާޒް

 

ޗެކް ރިޕަބްލިކް

ކޯޗު: ޔަރޮސާވް ސްވަސްކީ

ކެޕްޓަން: ބޯރެކް ޑޮކާލް

ނިކް ނޭމް: ދަ ތްރީ ލަޔަންސް

 

ކޯޗުންގެ ބަސް

ގްރަގޯ ޓައުންސެންޑް (ސްކޮޓްލޭންޑް)

އަމިއްލަ ގައުމުގައި ކުޅޭއިރު ގިނަ ފައިދާތަކެއް ލިބޭނެކަމަށް ކޯޗު ގަބޫލުކުރެއެވެ. އަދި ޗެކް ރިޕަބްލިކް ބަލިކުރުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައިވެސް ކޯޗުގެ ވާހަތަކުން ފާހަގަވިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ ސްކޮޑްލެންޑުން ނުކުންނަނީ ވަކި އަމާޒެއް އޮވެގެން ކަމަށެވެ. އަދި ފުރަތަމަ މެޗުން މޮޅުވުން މުހިންމު ކަމަަށާއި ޗެކް ރިޕަބްލިކް ބަލިކުރެވިއްޖެ ނަމަ އެއީ މުބާރާތުގައި ކުރިޔަށްދާން ލިބޭނެ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި ގްރޫޕް ފަހަނައަޅާ ދިއުމުގެ ގާބިލުކަން ޓީމުގައި ހުރިކަމަށްވެސް ކޯޗު ބުންޏެވެ. އެއީ ގްރޫޕުގައި ތިބީ ހަމަހަމަ ޓީމުތަކެއް ކަން ގަބޫލުކުރާތީ އެވެ.

ޔަރޮސާވް ސްވަސްކީ (ޗެކް ރިޕަބްލިކް)

ޗެކް ރިޕަބްލިކުގެ ކޯޗު ޔާރޯސާވް ސްވަސްކީ ބުނީ މި މެޗަށް ނުކުންނައިރު މިއީ ޕްރެޝަރު މެޗެއްކަން ދަންނަން ޖެހޭ ކަމަށާއި، ހާއްސަކޮށް މިއީ ޔޫރޯގައި އޭނާގެ ޓީމުން ކުޅޭ ފުރަތަމަ މެޗުކަމަށް ވުމާއެކު ޕްރެޝަރު ބޮޑު ކަމަށެވެ. އެކަމަކު ޔޫރޯއަށް ޓީމުން ވާންޖެހޭ ތައްޔާރީތައް ވަރަށް ރަނގަޅަށް ވެފައިވާ ކަމަށް ސްވަސްކީ ބުންޏެވެ.