ޔޫރޯގައި ހަންގޭރީ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކޮކާކޯލާ ކުންފުންޏަށް ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް މިހާތަނަށް ކުރިމަތިވެއްޖެ އެވެ.

މިފަހަރުގެ ޔޫރޯގައި ކޮކާކޯލާ އަކީ ބޮޑު ސްޕޮންސަރެކެވެ. މި މުބާރާތުގެ ކުރިން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް މޭޒުމަތީގައި ކޮކާކޯލާ ފުޅިތަކެއް ބަހައްޓާފައިވެއެވެ.

އެ ކުންފުންޏަށް މިވަރުގެ ގެއްލުމެއްވީ ޕޯޗުގަލް އާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ބައްދަލުވުމުގެ މޭޒުމަތީ ބަހައްޓާފައިހުރި ދެ ކޯކުފުޅި އެތަނުން ދުރަށްލައި ފެންފުޅިއެއް ބެހެއްޓި ފަހުންނެވެ.

ރޮނާލްޑޯ ވަނީ އެ މޭޒުމަތީގައި ބަހައްޓާފައިހުރި އެ ދެ ކޯކުފުޅި ނެގުމަށްފަހު ފެން ބުއިމަށް ބާރުއަޅާފައެވެ. އެގޮތުން ފެންފުޅިއެއް ނަގާ އޭނާ މޭޒުމަތީގައި ފެންނަގޮތަށް ބެހެއްޓިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިދިޔަ ހޯމަދުވަހުގެ ވިޔަފާރި ބާޒާރުގައި ކޮކާކޯލާގެ ހިއްސާއެއް އުޅެނީ 56.1 ޑޮލަރުގައެވެ. ރޮނާލްޑޯގެ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނުއިރު އެ ކުންފުނީގެ ހިއްސާގެ އަގު 55.2 އަށް ކުއްލިއަކަށް ވެއްޓިގެންދިޔަ އެވެ. މިއީ ކުޅުންތެރިއެއްގެ ނުފޫޒުން މިހާ އަވަހަށް ކުންފުންޏަކަށް ގެއްލުންވި ފުރަތަމަ ފަހަރެވެ.

ޖުމްލަކޮށް ބަލާއިރު އެ ކުންފުންނަށް މިކަމާއި ގުޅިގެން 1.6 އިންސައްތަ ގެއްލުންވިއެވެ. އެއީ ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރެވެ. ރިޕޯޓުތައް ބުނާގޮތުން ގެއްލުންވި ވަރު އިތުރަށް ބޮޑުވުން އެއީ އެކަށީގެންވާ ކަމެކެވެ.

ޔޫރޯގެ މައި ސްޕޮންސަރެއް ކަމަށްވާ ކޮކާކޯލާގެ ތާރީހުގައި ކުޅުންތެރިއެއްގެ ފަރާތުން މިވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެއްނުވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މައްސަލައިގައި ކޮކާކޯލާ ކުންފުނި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއި

    ސަޕޯޓް ރޮނާލްޑޯ

    22
    1
  2. ކޮއްޕަން

    ބަރާބަރު

    23
  3. ނނނ

    ހަހާ ރޮނާލްޑޯ އަށް ދިޔަ އަދަދުދޭން އެއްވެސް ކަމެއްނޫން....

    20
    1