ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ދެ ޓީމަށް އުރުގުއޭ އާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާ ވެއްޖެއެވެ.

އުރުގުއޭ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ މިރޭ ސައުދީ އަރަބިއްޔާގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ.

ގްރޫޕް އޭ އިން ދެވަނަ ބުރަށް އުރުގުއޭ އާއި ރަޝިޔާ ދަތުރުކޮށްފައިވާއިރު މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ މި ދެ ޓީމު ވަނީ ހަ ޕޮއިންޓު ހޯދާފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތީ ރަޝިޔާއެވެ. މި ގްރޫޕްގައި ދެން ހިމެނޭ މިސްރާއި ސައުދީ އަރަބިއްޔާ މުބާރާތުން ކެޓިއިރު އެ ދެ ޓީމަށްވެސް މިހާތަނަށް ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސުއަރޭޒް ގޯލު ކާމިޔާބުކުރަނީ - ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 23 ވަނަ މިނެޓްގައި އުރުގުއޭ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސައުދީގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި މެޗުގައި ސުއަރޭޒް ގޯލެއް ކާމިޔާބުކުރިއިރު މިއީ އުރުގުއޭގެ ގައުމީ ޓީމަށް އޭނާ ކުޅެދިން 100 ވަނަ މެޗެވެ.

ސުއަރޭޒްގެ ގޯލަށްފަހު ލީޑު ފުޅާކޮށްލަން ސަންޗޭޒް އާއި ކަވާނީ އަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ސައުދީ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ސަންޗޭޒް ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވޭ ބޭރަށް ދިޔައިރު ކަވާނީ ފޮނުވާލި ހަމަލާ ދިފާއު ކުރީ ސައުދީގެ ކީޕަރެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗާއި ހިލާފަށް މި މެޗުގައި ސައުދީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް މި މެޗުގައި ވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

އުރުގުއޭ އާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިރޭގެ މޮޅާއެކު އުރުގުއޭ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު މިއީ މުބާރާތުގެ ދެވަނަ ބުރަށް އެޓީމު ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސައުދީ ކެޓި ހަތަރުވަނަ ފަހަރެވެ. އެޓީމަށް ގްރޫޕް ސްޓޭޖަށް ވުރެ ދުރަށް އެންމެފަހުން ދަތުރުކުރެވުނީ 1994 ވަނަ އަހަރުގެ މުބާރާތުގައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުގުއޭ އިން ނިކުންނާނީ ރަޝިޔާއާ ދެކޮޅަށެވެ. އެ މެޗުން ގްރޫޕްގެ އެއްވަނަ ލިބޭ ޓީމެއް ކަށަވަރުވެގެންދާނެއެވެ. ސައުދީ ނިކުންނާނީ މިސްރާއި ދެކޮޅަށެވެ.