ޔޫރޯ ފުޓުބޯޅަ މުބާރާތުގް ގްރޫޕުސްޓޭޖުގެ ފަހު މެޗުތަކުގެ ނަތީޖާއާއެކު ދެވަނަބުރުގެ ޖާގަ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ފްރާންސް އަދި ޖަރުމަނު ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަބުރުގެ ޖާގަ މި ތިން ޓީމަށް ކަށަވަރުވީ މި ގްރޫޕުގައި ކުޅުނު ފަހު ދެ މެޗުވެސް އެއްވަރުވެ ޕޮއިންޓުގެ ގޮތުން ދެވަނަބުރަށް ދިއުމަށް ޝަރުތު ހަމަވުމުންނެވެ.

ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ހަންގޭރީ އާއި ޖަރުމަނު ކުޅުނު މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ ލިބެނީ 5 ޕޮއިންޓާއެކު ފްރާންސަށެވެ. ދެވަނަައިގައި އޮތް ޖަރުމަނު އަދި ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ހަތަރު ޕޮއިންޓް ލިބޭއިރު ޖަރުމަނު ދެވަނައިގައި އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ފުލުގައި ދެ ޕޮއިންޓާއެކު ހަންގޭރީ އޮތްއިރު މި ނަތީޖާއާއެކު އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ގޯލުޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ޕޯޗުގަލް މި ހާފުގައި ފެނުނީ ވަރަށް ނުރައްކާކޮށެވެ. މި މެޗުގައި ރެނާޓޯ ސަންޗޭޒް ފުރަތަމަ އެގާރައިގައި ހިމަނާފައިވެއެވެ. އޭނާ ވަނީ ޓީމުގެ މެދުތެރޭގައި ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓާފައެވެ.

ޕޯޗުގަލްގެ ގަދަ ޕްރެޝަރުގައި ކުޅުމުގެ ސަބަބުން ފްރާންސަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވީ މެޗުގެ 28 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ޕެނަލްޓީއެއް ލިބިގެންދިއުމެވެ. މިއީ އޭރިއާ ތެރެއަށް އައި ބޯޅަ ޖަހަން އުޅުމުގެ ތެރޭގައި ފްރާންސްގެ ކީޕަރު ލޮރިސް ޕޯޗުގަލްގެ ޑެނީލޯ މޫނުމަތީގައި ޖެހުމުގެ ސަބަބުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފްރާންސަށް ހަމަނޭވާ ލެވުނީ ފުރަތަމަ ހާފު ނިމިގެން އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ފްރާންސްގެ އެމްބާޕޭއަށް ޕޯޗުގަލްގެ ސެމެޑޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަރިމް ބެންޒެމާއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ޕޯޗުގަލްއިން ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ފްރާންސް އިން ވަނީ ލީޑުނަގާފައެވެ. މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޕޮގްބާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ. މި ލަނޑު ޖެހިއިރު އެންމެ ފުރަތަމަ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ލައިންސްމަން ނިންމިއެވެ. ނަމަވެސް ފަހުން ވީއޭއާރު ބެލުމަށްފަހު ނިންމީ އެއީ އޮފްސައިޑު ލަނޑެއް ނޫންކަމަށެވެ.

ނަމަވެސް މި ލީޑު މާގިނައިރަކު ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސްގެ ކޫންޑޭ ބޯޅައިގައި އަތްލިކަމަށް ނިންމާ ރެފްރީ ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހި އީރާނުގެ އަލީ ދާއީ ހަދާފައިވާ ރެކޯޑާއި ހަމަކޮށްފައެވެ.

މި ދެ ޓީމުވަނީ އެންމެފަހުން 2016 ގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ ބުރު ޕޯޗުގަލް ޗެމްޕިއަންކަން ހޯދިއިރު އަނިޔާއާއި ގުޅިގެން މި މެޗުގެ ބޮޑުބައި ރޮނާލްޑޯ ހުރީ ބެންޗު ކައިރީގައި ކޮޅަށެވެ.

ޖަރުމަނު ދެވަނަބުރަށް ދިޔައީ ކިރިޔާ ކިރިޔާއެވެ. ހަންގޭރީއާއި ވާދަކޮށް އެ ޓީމު ދެވަނަބުރަށް ދިޔައީ 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމާއެކު އެވެ. މި މެޗުން ބަލިވެއްޖެ ނަމަ ޖަރުމަނު މުބާރާތުން ކަޓާނެއެވެ.

އެއާއެކު މުބާރާތުގެ ދެވަނަބުރުގައި ފްރާންސް ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ. ޖަރުމަނު ބައްދަލުކުރާނީ އިންގްލޭންޑާއެވެ. ޕޯޗުގަލް އަނެއް ބުރުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާ އެވެ.