މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަން ނިމެން އަދި ގާތްވެސް ނުވެއެވެ. އެތަކެއް ވޭދަނަތަކެއް ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނެއެވެ. މި ބަލީގެ ނުރައްކާވެސް ވަކި ކުޑައެއް ނުވެއެވެ. ޔޫރަޕުން ފެށިގެން ދުނިޔޭގެ ހުރިހާ ބައްރަކަށްވެސް މި ބަލީގެ ނުރައްކާ އަދިވެސް މައިތިރިނުވެ އެވެ.

މިހާރު ދުނިޔޭގައި ކުރިޔަށްދާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ޔޫރަޕު ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2020 އެވެ. މި މުބާރާތުގެ ފަހަތަށް 2020 ލާން ޖެހުނީވެސް މިއީ މިދިޔަ އަހަރު ބާއްވަންޖެހޭ މުބާރާތަކަށް ވާތީއެވެ. މި މުބާރާތަށް މިއަހަރަށް ފަސްކުރީވެސް ކޮވިޑުގެ ދުންތުރާ ޖެހިގެންނެވެ.

މުބާރާތަށް ހާއްސަކޮށް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާ އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ އިތުރުން ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިން ހަރުކަށި އުސޫލުތަކެއް ވަނީ ހަދާފައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އެކި ގައުމުތަކަށް ބަހާލިއިރު ބައެއް ގައުމުތަކުގައި ސްޓޭޑިއަމަށް ވަންނަ ހުއްދަދިނީ 25 އިންސައްތަ މީހުންނަށެވެ. އަނެއްބައި ސްޓޭޑިއަމްތަކުގައި 70 އިންސައްތައަށް މީހުން ވެއްދިއެވެ.

ގައިޑްލައިނުގައިވާ އެހެން މާއްދާތަކަށް ބަލާއިރު ކޮންމެ މެޗެއް ފެށުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އަދި ހޮޓަލުގައި އެކަހެރިވެގެން ތިބޭއިރު އިތުރު ބަޔަކަށް ޓީމު ތިބޭ ތަނަށް ނުވަދެވޭނެ އެވެ. މިގޮތަށް މިކަން ކުރިއިރު މިހާތަނަށްވެސް ބައެއް ކުޅުންތެރިން ކޮވިޑަށް ފައްސިވެފައިވެއެވެ. ޓީމު ތިބޭ ހޮޓަކަށް ބޭރުން މީހަކު ހުއްދަ ނުލިބި ވަދެފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެއެވެ. ނުވިތާކަށް ޓީމު ފަރިތަކުރަން ދާއިރުވެސް ކަން އޮތީ މިހެންނެވެ. އެހެންކަމުން މުބާރާތުގެ ގައިޑްލައިންތައް ކިތަންމެހާވެސް ހަރުކައްޓެވެ.

ދެން އޮތީ ސަޕޯޓަރުންގެ ވާހަކައެވެ. އިނގިރޭސިވިލާތުން މި މުބާރާތާއި ދިމާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް އެހެން ބައެއް ގައުމުތަކުން ގެންގުޅުނީ ތަފާތު އުކުޅެކެވެ. އެއީ ކޮވިޑުގެ ދެ ޑޯޒް ޖަހާފައިވާ މީހެއްނަމަ އަތުގައި އަޅަން ލިބޭ ބޭންޑު އަޅައިގެން ދަނޑަށް ވަދެވުމެވެ. މިގޮތަށް ވަންނައިރު މާސްކު އެޅުންވެސް މަޖުބޫރެއް ނޫނެވެ. އަނެއްބައި ގައުމުތަކުގައި ގެންގުޅުނީ ގައިދުރުކަމެވެ. ކޮންމެ ތިން ސީޓަކުން ތިން ސީޓަކުން މީހަކަށް އިނދެވޭ ގޮތަށެވެ.

ދަނޑަށް ސަޕޯޓުކުރަން ވަދެވެނީވެސް ހާއްސަ ޝަރުތުތަކަކާއެކު އެވެ. އެއީ 24 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާއި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސްވެފައިވާކަން ކަށަވަރުކޮށްދޭ ލިޔުމެއް އޮތް މީހަކަށްވާން ޖެހެއެވެ.

މުބާރާތުގެ އުސޫލުތަކަށް ބަލާއިރު ކޮވިޑުގެ އާ ރާޅެއް އައުމަކީ ވުން ދުރުކަމެކެވެ. ނަމަވެސް ސަޕޯޓަރުންނާއި މެދު ކަންކަން ކުރެވޭ ގޮތުގެ ސަބަބުން ކޮވިޑުގެ ހާލަތު ގޯސްވަމުންދާ ކަމުގެ ނުރައްކާތެރި ސިގްނަލެއް ދުނިޔޭގެ ސިއްހަތާބެހޭ މައި އިދާރާ ޑަބްލިއުއެޗްއޯ އިން މި ވަނީ ދާދިފަހުން ދީފައެވެ. ހާއްސަކޮށް މުބާރާތުގެ ސެމީފައިނަލުން ފެށިގެން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު ދީފައިވެއެވެ. އިނގިރޭސި ސަރުކާރުން ވަނީ ސެމީފައިނަލާއި ފައިނަލް މެޗަށް ގިނަ މީހުންނަށް ވަދެވޭ އުސޫލެއް ހަދާފައެވެ. އެއީ ރަށުންބޭރުން އަންނަ ވީއައިޕީ މީހުން ކަރަންޓީނު ނުވެވޭ ގޮތަށް ގަވާއިދު ހެދުމާއި އިތުރު އެހެން ލުއިތަކާއެކު އެވެ.

"ކޮވިޑު ޖެހޭ މީހުން އިތުރުވޭ، މިއީ ކަންބޮޑުވާ ކަމެއް، އަހަރެމެން މިކަން ކޮންޓްރޯލް ކުރެވޭނީ އެންމެން މަސައްކަތްކޮށްގެން، ތަފާސްހިސާބުތަކުން ކުރިޔަށް އޮތް ތަނުގައި ހާލަތު ކުރިޔަށްވުރެ ގޯސްވުން ވަރަށް އެކަށީގެންވޭ، މެޗު ކުޅޭ ސަރަހައްދުތަކުން ވޭދަނަތައް (ކޭސްތައް) ކުރިޔަށްވުރެ އިތުރު" ޑަބްލިއުއެޗްއޯ ގެ ޔޫރަޕު އޮފީހުގެ އެގްޒެގެޓިވް ޑިރެކްޓަރ ރޮބް ބަޓްލަރ ވިދާޅުވިއެވެ.

މި އިންޒާރުތަކާއި ގުޅިގެން ޔުއެފާއިން މިހާރު ދަނީ އުސޫލުތަކަށް މީހުން އަމަލުކުރޭތޯ ގާތުން ބެލުމަށް މުބާރާތުގެ މެޗުތައް ކުރިޔަށްދާ ގައުމުތަކުގެ ކިބައިން އެދިފައެވެ. އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި ބަލި ބޮޑަށް ޖެހޭ ހިސާބުތަކުގެ ހާލަތު ގާތުން މޮނީޓަރުކުރުމަށް ވެސް ޔުއެފާއިން ވަނީ ގައުމުތަކުގެ ކިބައިން އެދިފައެވެ.

މި މުބާރާތުގައި މިހާރު ކުރިޔަށްދަނީ ދެވަނަބުރުގެ މެޗުތަކެވެ. މި މެޗުތަކަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ފަށާނީ އަަންނަ ހުކުރުދުވަހު އެވެ. މި މެޗުތައް ކުޅޭނީ އަޒެރްބައިޖާނުގެ ބާކޫ ސްޓޭޑިއަމް އާއި އިޓަލީގެ ރޯމްގެ އޮލިމްޕިކޯ ސްޓޭޑިއަމްގެ އިތުރުން ރަޝިޔާގެ ސެެއިންޓް ޕީޓަސްބާގް ސްޓޭޑިއަމާއި ޖަރުމަނުގެ ފުޓްބޯލަ އެރީނާ މިއުނިކް ސްޓޭޑިއަމުގައެވެ.

މި މެޗުތަކަށް އެކި ސަރަހައްދުތަކުގައި ބާއްވަން ވެސް ނިންމާފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވެދާނެތީ އެވެ. ނަމަވެސް މިހާރު ކަން ދިމާވާގޮތަށް ބަލާއިރު އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑުގެ ހާލަތު އިނގިރޭސިވިލާތާއި ރަޝިޔާގައި ދަނީ ގޯސްވަމުންނެވެ. އިނގިރޭސިވިލާތަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 14،809 މީހެއް ކޮވިޑަށް ފައްސިވެފައިވެއެވެ. މިއީ ފެބްރުއަރީގައި ވޭދަނަތައް (ކޭސްތައް) ދަށަށް ދިއުމަށްފަހު އަނެއްކާވެސް މަތިވާން ފެށި ފުރަތަމަ ފަހަރެވެ.

ރަޝިޔާގެ ހާލަތަށް ބަލާއިރު އެ ގައުމުގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވޭދަނަތައް ދަށަށް ދިއުމަށްފަހު މިހާރު އެ ގައުމުގައި ކުއްލިއަކަށް ވޭދަނަތައް ދަނީ އިތުރުވަމުންނެވެ. އެންމެފަހުން 26 ޖޫންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 21،312 މީހެއް ކޮވިޑަށް ވަނީ ފައްސިވެފައެވެ.

ދެން ހުރި ގައުމުތަކުގައި ކޮވިޑުގެ ހާލަތު ހުރީ ދަށްކޮށެވެ. މި ގައުމުތަކުގައި އަދި މިހާތަނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އިތުރު ވޭދަނަތަކެއް ފެނުން ދުރުކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޔޫރަޕުގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެދާނެކަމުގެ އަލާމާތްތަކެއް ފެންނަން ފަށާފައިވުމާއެކު އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ބެލެވެއެވެ.