ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި ޗިލީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކޮށްފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެނެެއް ނުދެއެވެ. މި މެޗުގައި ބްރެޒިލްގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ކުރީކޮޅުގައި އެވެ. ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި މި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ކުޅެން އެރި ލޫކަސް ޕަކޭޓާ އެވެ.

މި ލަނޑު ޖެހިތާ ދެ މިނެޓެއްހާ ފަހުން ބްރެޒިލް އަށް މައްސަލަތަކެއް ކުރިމަތިވާން ފެށީ ޗިލީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އެ ޓީމުގެ ފޯވާޑް ގެބްރިއަލް ޖީސަސް އަށް ރަތް ކާޑު ދެއްކުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ބްރެޒިލްގެ ހިތްވަރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އޭގެފަހުން ބާރުބޮޑުވީ ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އަށެވެ.

މުބާރާތުގެ ސެމީފައިނަލުގައި ބްރެޒިލް ބައްދަލުކުރާނީ ރޭ ކުއާޓާފައިނަލުގައި ޕެރެގުއޭ އަތުން ޕެނަލްޓީގައި ކުރިހޯދާ ސެމީން ޖާގަ ހޯދާފައިވާ ޕެރޫއާއެވެ.

ކޮޕަ އެމެރިކާގެ ކުއާޓާފައިނަލުގައި މިރޭ ދަންވަރު 03:00 ކުޅޭ މެޗުގައި ބައްދަލުކުރާނީ އުރުގުއޭ އާއި ކޮލަމްބިއާ އެވެ. އަދި ފަތިހު 06:00 ގައި ބައްދަލުކުރާނީ އެކުއެޑޯ އާއި އާޖެންޓީނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނީމާ

    އާރޖެންޓީނާ ވެސް ސެމީ އައް ގޮއްސި، 3-0 އުން
    ބްރެޒިލް ދިޔައީ ކިރިޔަ ކިރިޔާ 1-0..

    ޢެކަމް ހަމަ ބްރެޒިލް ނުހިފެހެެއްޓެނީ ؟؟
    ތީ ޓިޕިކަލް މޯލްޑިވިއަން، ޓިޕިކަލް ބެރެޒިލް ފޭންސް.
    އިޑިއަޓްސް އެވެރީވެއާ.