ޖަޕާނުގެ ޓޯކިޔޯގައި މިއަހަރު ބާއްވާ އޮލިމްޕިކް އަށް ދިޔަ ޔުގެންޑާގެ އެތްލީޓަކު ޖަޕާނުގައި ފިލައިފި އެވެ.

މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި ފިލާފައި ވަނީ ޔުގެންޑާގެ ބަރު އުފުލާ އެތްލީޓެއް ކަމަށްވާ 20 އަހަރުގެ ޖޫލިއަސް ސެކިޓޮލެކޯ އެވެ. އޭނާ ފިލާފައި ވަނީ އޮލިމްޕިކް ޓްރެއިނިންގ ކޭމްޕުގައި ހުރެފަ އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ސެކިޓޮލެކޯ ފިލާފައިވާކަން އެނގުނީ އޭނާގެ ކޮވިޑް ސުންކު ނެގުމަށް ދިއުމުން އޭނާ ހޯދައި ނުފެނުމުންނެވެ. އޭނާ ފިލައިގެން ދިއުމުގެ ކުރިން ވަނީ ނޯޓެއްވެސް ކޭމްޕުގައި ބާއްވާފަ އެވެ. އެ ނޯޓުގައި ސެކިޓޮލެކޯ ބުނީ ޔުގެންޑާގައި އޭނާ އަށް އުޅެން އުނދަގޫ ކަމަށާއި އޭނާ ބޭނުންވަނީ ޖަޕާނުގައި މަސައްކަތްކޮށް ދިރިއުޅެން ކަމަށެވެ.

ސެކިޓޮލެކޯ އޮލިމްޕިކްސް އަށް ކޮލިފައި ނުވާއިރު އޭނާ ފިލާފައި ވަނީ އެނބުރި ޔުގެންޑާއަށް ފުރުވާލަން ތައްޔާރުވެފައި ވަނިކޮށެވެ.

ފުލުހުންނާއި ހަވާލަދީ މީޑިޔާއިން ބުނަނީ ސެންޓްރަލް ޖަޕާނުގެ ނަގޯޔާގެ ބުލެޓް ޓްރެއިން އަކުން ދަތުރުކުރުމަށް ސެކިޓޮލެކޯ ޓިކެޓެއް ނަގާފައިވާ ކަމަށެވެ.

ޓޯކިޔޯ އޮލިމްޕިކްސް 2020 މިއަހަރު ބާއްވަން ނިންމީ ކޮވިޑާއި ގުޅިގެންނެވެ. އެތައްފަހަރެއްގެމަތިން އޮލިމްޕިކްސް ފަސްކޮށްފައިވާއިރު މިހާރު އޮލިމްޕިކްސް ބާއްވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއި އެކުގައި އެވެ.

ސެކިޓޮލެކޯ ފިލުމުން ކަންބޮޑުވާ އެއް ސަބަބަކީ ޔުގެންޑާއިން ފާއިތުވި މަހު ޖަޕާނަށް ދިޔަ ދެ އެތްލީޓަކު ކޮވިޑަށް ފައްސިވުމެވެ. ފައްސިވި މީހުންގެ ތެރޭގައި ސެކިޓޮލެކޯ ހިމެނޭކަމެއް ނުވަތަ ނޫންކަމެއް ކަމާބެހޭ އިދާރާއަކުން އަދި ހާމަނުކުރެއެވެ.

މީގެ ކުރިން ވެސް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ބައިވެރިވާން ދަތުރުކުރާ އެފްރިކާގެ ގައުމުތަކުގެ އެތުލީޓުން ފިލުމުގެ މައްސަލަތައް ކުރިމަތިވެފައި ވެއެވެ.