މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސް އަށް ދިޔަ ދެ އެތްލީޓުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެހެންކަމުން މިހާރު އެ މުބާރާތުގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން ފައްސިވި މީހުންގެ އަދަދު ވަނީ ތިނެކަށް އަރާފައެވެ. އެންމެ ފުރަތަމަ މި ބައްޔަށް ފައްސިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހަށް އެގައުމަށް ދިޔަ މީހެކެވެ. އެހެން ނަމަވެސް އޭނާ އަކީ އެތްލީޓެއް ކަމެއް އަދި ކަށަވަރެއް ނޫނެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މުބާރާތް ފެއްޓުމަށް ފަސް ވަރަކަށް ދުވަސް ވެފައިވާއިރު، މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުބާރާތަށް ދިޔަ މީހުންގެ ތެރެއިން ފައްސިވި މީހުންނާއި ބައްދަލުވި މީހުންގެ އަދަދު ވަނީ 55 އަށް އަރާފައެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް އާއްމު ކޮށްފައެއް ނުވެއެވެ.

ޓޯކިއޯ އޮލިމްޕިކްސް 2020ގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި އެ ގައުމަށް މި ވަގުތު މި މުބާރާތުގައި ބައިވެރިވާން ދިޔުމަށް ހަމަޖެހިފައިވާ ހުރިހާ އެތްލީޓުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާނެެއެވެ. އަދި މުބާރާތް ނިމިގެން ދާއިރު ފައްސިވާ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށް ނުގޮސް ވޭތޯ ސިއްޚީ މާހިރުންގެ ލަފާގެ މަތިން އެމީހުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.