އެސްޓަންވިލާއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިޔާ ޖެކް ގްރީލިޝް ގަންނަން މެންޗެސްޓަރ ސިޓީން ހުށައެޅި އަގުބޮޑު ބިޑު ބަލައިގަނެ އޭނާ ވިއްކާލަން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުރިޔަށްއޮތް ދެތިން ދުވަހުގެ ތެރޭގައި އޭނާ ސިޓީއަށް ސޮއިކުރާނެއެވެ. އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ވިއްކާލަން ސިޓީން ހުށައެޅީ 140 މިލިއަން ޑޮލަރެވެ. ނުވަތަ 100 މިލިއަން ޕައުންޑެވެ. މި އަގު ބަލައިގަނެ އެސްޓަންވިލާއިން ވަނީ އޭނާ ދޫކޮށްލަން އެއްބަސްވެފައެވެ.

ގްރީލިޝް މިހާރު ދަނީ ސިޓީއާއި އެކު މެޑިކަލް ޓެސްޓުތަކާއި އާ އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހު މަރުހަލާއެވެ. އަދި އެސްޓަންވިލާއިން ވަނީ ސިޓީގެ ކަންކަމުގައި ބައިވެރިވުމުގެ ހުއްދަވެސް ދީފައެވެ. އޭނާ ވަނީ އެސްޓަންވިލާގެ ޕްރީސީޒަނުގައި ވެސް ބައިވެރިވެ ޓީމާއެކު ފަރިތަވެސްކޮށްފައެވެ.

ސިޓީން ގްރީލިޝް އަށް ފާރަލާން ފެށީ ޓޮޓެންހަމްގެ ހެރީ ކޭން ގަތުމަށް 140 މިލިއަން ޕައުންޑް ހުށައެޅުމުން އެ އަގަށް ޓޮޓެންހަމުން ދެކޮޅު ހެދުމުންނެވެ. ގްރީލިޝް ސިޓީއަށް ސޮއިކޮށްފި ނަމަ އޭނާ ވެގެންދާނީ ޕްރިމިއަރ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފަރ އަށެވެ. އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ޝަރަފު މިހާރު އޮތީ މެންޗެސްޓަރ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަތުގައެވެ. ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 123 މިލިއަން ޑޮލަރަށެވެ.

އާ ސީޒަނަށް ތައްޔާރުވާ ޓީމުތަކުގެ ތެރެއިން ގްރީލިޝް ވިއްކާލައިން އެސްޓަންވިލާއިން މަސައްކަތްކުރަނީ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަށެވެ. ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުން މަސައްކަތްކުރަނީ ވަރުގަދަ ކުުޅުންތެރިން ގެނައުމަށެވެ. އަލަށް ގެންނަން ނިންމި ބައެއް ކުޅުންތެރިންގެ ތެރޭގައި ސައުތެމްޓަންގެ ފޯވާޑް ޑެނީ އިންގްސް އަދި ބަޔާ ލެވަކޫސަންގެ ލެއޯން ބެއިލީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.