ކުރިޔަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާ ކުޅުނު އެކުވެރިކަމުގެ ފަހު މެޗު ނުވަތަ ގެމްޕާ ޓްރޮފީ މެޗުގައި އިޓަލީގެ ޔުވެންްޓަސް ބަލިކޮށް އާ ސީޒަނަށް އަތުކުރި އޮޅާލައިފިއެވެ.

ބާސެލޯނާއަށް ނިސްބަތްވާ ޔޯހަން ކްރައިފް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ބާސެލޯނާ ކާމިިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. ޔުވެންޓަސް އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުކުޅެވުނެވެ.

ބާސެލޯނާއިން އާ ސީޒަނެއް ފެށުމުގެ ކުރިން ގެމްޕާ ޓްރޮފީ ނުވަތަ އެކުވެރިކަމުގެ ފަހު މެޗު ކުޅެނީ ވަރުގަދަ ޓީމުތަކާއެކު އެވެ. މިފަހަރު މި މެޗާއި ބާސެލޯނާ ކުރިމަތިލިއިރު ޓީމު އޮތީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައެވެ. އެއީ ޓީމުގެ އެއް ހިތް ކަމަށްވާ ކެޕްޓަން ލިއޮނަލް މެސީ ޓީމާއި އަލްވަދާއު ކިޔުމުގެ ސަބަބުންނެވެ.

ބާސާ އާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާއިން ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނަށް އެ ޓީމާއި އަލަށް ގުޅުނު މެމްޕިސް ޑިޕާއި އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ބާސެލޯނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ބްރައިތްވެއިޓް އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުއްމީދީ ކުޅުންތެރިޔާ ރިކުއި ޕުއިގް އެވެ.

މެޗަށްފަހު ބާސެލޯނާގެ ކޯޗު ކޫމަން ބުނީ ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި ޖުމްލަ ގޮތެއްގައި އޮތް ޓީމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އުއްމީދުކުރަނީ ގިނަ ކާމިޔާބީތަކެއް މި ސީޒަނުގައި ހޯދުމަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ޖުމްލަކޮށް އާ ސީޒަނަށް ތައްޔާރުވާން ލިބުނު މުއްދަތުގައި އެކަށީގެންވާ ވަރުގެ ތައްޔާރީތަކެއް ވިކަން ގަބޫލުކުރާ ކަމަށާއި މެސީ ނުލާ އާ ސީޒަނެއް ފެށުމަކީ އޭގެ ސަބަބުން ޓީމަށް ނަފްސާނީގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ދުވަސްތަކެއް ފަހުން ރަނގަޅުވާނެ ކަަމަށް ކޯޗު ބުންޏެވެ.