ސްޕެނިޝް ލަލީގާގެ ގަވާއިދުގެ ތެރެއިން ބާސެލޯނާއަށް މެސީގެ ސޮއި ލިބޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް އެ ކުލަބުން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާގެ ވަކީލުންގެ ޓީމެއް ވަނީ މެސީ އެ ކުލަބުގައި ބެހެއްޓޭނެ ހަނި ފުރުސަތެއް ހޯދާފައެވެ. އަދި އިތުރަށް ގާނޫނަށް ގެންނަން ފެންނަ ބަދަލުތަކެއް ފާހަގަކޮށް އެ ބަދަލުތައް ގެންނަން ހުށައެޅުމަށް ވެސް އެ ކުލަބުން ދަނީ ތައްޔާރުވަމުންނެވެ.

ބާސެލޯނާއިން މިކަން ފަށައިގަތީ މެސީ ބާސެލޯނާ ދޫކޮށްލާނެކަން އިއުލާނުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމުގައި މެސީ ބުނީ ކުލަބް ދޫކޮށްދަނީ ބޭނުންވެގެން ނޫންކަމަށާއި އެ ކުލަަބް ދޫކޮށްލަން އަދި ތައްޔާރުނޫން ކަމަށެވެ.

މެސީ ވަނީ ބާސެލޯނާގެ ޖާރޒީގައި 20 ވަރަކަށް އަހަރު އެ ކުލަބުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާއަކީ ބާސެލޯނާއަށް އެންމެ ގިނަ ފައިސާ ވައްދާ އެއް ކުޅުންތެރިޔާއެވެ. އަދި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާވެސް މެއެވެ. މެސީއާއެކު ބާސާއިން ހެދި އެއްބަސްވުން ޖޫން މަހުގެ ނިިޔަލަށް ހަމަވިއިރު މިވީހާތަނަށް ބާސާއިން ބުނަމުންދިޔައީ މެސީގެ ސޮއި ލިބޭނެ ކަމަށެވެ. ނަމަވެސް އެކަން ނުވީ އެންމެ ފަހު ވަގުތު ލަލީގާގެ ގަވާއިދުގެ ސަބަބުންނެވެ.

ބާސާގައި މަޑުކުރުމަށް އެއްބަސްވެ މެސީ ވަނީ އޭނާގެ މުސާރައިގެ 50 އިންސައްތަ ކުޑަކުރަން އެއްބަސްވެފައެވެ. ނަމަވެސް އެވަރުންވެސް ލަލީގާގެ ގަވާއިދުގެ ތެރެއަށް މެސީ ނުފެތެއެވެ. އެއީ ކުޑަ މުސާރައެއްގައި އެ ކުލަބަށް ކުޅުމުގެ ފުރުސަތެއް ނެތުމުންނެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓޭވެސް ވަނީ މެސީ ބަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރިކަމަށް ބުނެފައެވެ. ނަމަވެސް އެކަން ނުވީ ލަލީގާގެ ގަވާއިދުގެ ބަްވުމުގެ ބައެއް ބައިތައް އަދި ފުރިހަމަނުވާތީ އެވެ.