މިއަހަރުގެ އޮކްޓޯބަރު މަހު މާލޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕު ކުރިޔަށްދާ ތާރީހު ދިގުދަންމާލާ ޝެޑިއުލަށް ބަދަލު ގެނެސްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ މިގޮތަަށް ޝެޑިއުލް ބަދަލުކުރީ ފީފާއިން ކަނޑައަޅާގައިވާ އުސޫލުތަކަށް މެޗުތައް ފައްތަން ކަމަށާއި އެކަށީގެންވާ ދުވަސްތަކެއް ކޮންމެ ޓީމަށްވެސް ދިނުމުގެ ގޮތުން ކަމަށެވެ.

އެފްއޭއެމުން އާންމުކުރި އާ ޝެޑިއުލްގައިވާ ގޮތުން ކޮންމެ ޓީމަކަށްވެސް ކުޅެންޖެހޭ ދެ މެޗުގެ ދެމެދު އެއް ދުވަސް އިތުރަށް ލިބިގެންދެއެވެ. ކުރިން އޮތްގޮތުން ބައެއް ޓީމުތަކަށް ރެސްޓުކުރާނެ އިތުރު ދުވަސްތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ހަމަހަމަ ފުރުސަތު ކޮންމެ ޓީމަކަށް ނުލިބެއެވެ. މި ބަދަލާއި އެކު ކޮންމެ ޓީމަކަށްވެސް ލިބެނީ ހަމަހަމަ ފުރުސަތުތަކެކެވެ.

ޝެޑިއުލަށް ބަދަލު ގެނައި ނަމަވެސް ރާއްޖެ ކުޅެން ހަމަޖެހިފައި އޮތް ޓީމުތަކުގެ މެޗު ޝެޑިއުލަށް ބަދަލެއް ނާދެއެވެ. ކުރިންވެސް އޮތްގޮތަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. އެ މެޗު ކުޅޭނީ އޮކްޓޯބަރު 1 ގައެވެ.

ބަދަލުތަކާއެކު ނެރުނު އާ ޝެޑިއުލް

ސާފް ޗެމްޕިއަންޝިޕުގެ ތައްޔާރީތައް ބާރަށް ކުރިޔަށްދާއިރު ދާދިފަހުން ވަނީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ޕްރީލިމިނަރީ ސްކޮޑެއް އެކުލަވާލާފައެވެ. މި ޓީމުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އާރިފް (ބަކާ) އަދި އަސްހަދު އަލީ (އަޑުބަރޭ) ހިމެނެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. އެއީ ބައިވެރިވި ގައުމުތައް މަދުވުމުންނެވެ. ބޫޓާނާއި ޕާކިސްތާން ފިޔަވާ ދެން މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ނޭޕާލް، ސްރީލަންކާ، ރާއްޖެ އަދި ބަންގްލަދޭޝް އެވެ. އިންޑިއާއިން މި މުބާރާތުގައި މިފަހަރު ވާދަކުރަނީ އެ ގައުމުގެ ސީނިއާ ޓީމެވެ.

ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޓީމުގެ ކޯޗިން ޓީމުގައި މިފަހަރު ހިމެނެނީ ދިވެހި ތަޖުރިބާކާރު ޓީމެކެވެ. ވަގުތީ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ އަލީ ސުޒެއިން އެވެ. އެސިސްޓަންޓް ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ) ކީޕަރު އިމްރާން މުހައްމަދެވެ. ގޯލްކީޕަރު ޓްރޭނަރަކަށް އަސްލަމް އަބްދުއްރަހީމް އާއި އިމްރާން މުހައްމަދު ހަރަކާތްތެރިވާނެ އެވެ. އަދި ޓީމުގެ ޑޮކްޓަރަކީ ޑރ.ރާފިއު އެވެ.

ރާއްޖެއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ. 2018 ގައި ބޭއްވި އެ މުބާރާތް ރާއްޖެ ކާމިޔާބުކުރީ ގަދަބާރު އިންޑިއާ ބަލިކޮށްގެންނެވެ. އޭގެކުރިން 2008 ގައިވެސް ރާއްޖެ ވަނީ ސާފް ޗެމްޕިއަންޝިޕް އުފުލާލާފައެވެ.