ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ކޮލިފިކޭޝަނުގެ އެފްރިކާ ބައްރުގެ ބުރުގައި މިސްރު ކުޅެންޖެހޭ މެޗުތަކަށް އެ ގައުމުގެ ކެޕްޓަން މުހައްމަދު ސަލާހް ދޫކުރަން އޭނާ ކުޅެމުން އަންނަ ކުލަބް ލިވަޕޫލުން ދެކޮޅު ހަދައިފިއެވެ.

ލިވަޕޫލުން މި ފިޔަވަޅު އެޅީ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކާއި އެކު ކުޅުންތެރިންނަށް ކޮވިޑުގެ އަސަރު ކުޑަކުރުމާއި އަދި ޕްރިމިއަރ ލީގު ފަށާފައިވުމާއި އެކު އިތުރު ރިސްކު ނުނަގަންވެގެންނެވެ. ގައުމީ ޓީމަށް ކުޅުމަށްފަހު ސަލާހް އެނބުރި ލިވަޕޫލާއި ގުޅުމުގެ ފުރުސަތު ލިބޭނީ ދިގު ކަރަންޓީނަކަށްފަހު އެވެ. މިއީ ލިވަޕޫލުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އަދި ގައުމީ ޓީމަށް ކުޅޭނަމަ ލިވަޕޫލުގެ މުހިއްމު ބައެއް މެޗުތައް އޭނައަށް ގެއްލޭނެއެވެ. ކޮލިފިކޭޝަނުގައި މިސްރު ބައްދަލުކުރަން ޖެހޭ ދެ ގައުމަކީ އެންގޯލާ އާއި ގެބޯން އެވެ. މިކަމާއި ގުޅިގެން މިސްރުގެ ގައުމީ ފުޓުބޯޅަ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

"އެސޯސިއޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ގައުމުން ބޭރުގެ ކުޅުންތެރިން އެ ގައުމަށް އެނބުރި ގެނެސް ޓީމުތައި ބައިވެރިވާނެ ގޮތެއް ވޭތޯ، އެކަމަކު މިކަން މިފަހަރު ނުވުމަކީ މުޅި ޓީމަށް ލިބުނު ދެރައެއް" ބަޔާނުގައިވެއެވެ.

ލިވަޕޫލުން ވެސް ވަނީ މައާފަށް އެދި މިސްރު ގައުމީ ޓީމަށް ބަޔާނެއް ފޮނުވާފައެވެ. މި ބަޔާނުގައި ލިވަޕޫލުން ވަނީ އިނގިރޭސިވިލާތުގައި ކޮވިޑު ހާލަތު އޮތްގޮތާއި އުސޫލުތައް އޮތްގޮތް ބަޔާންކޮށްދީފައެވެ.

"އެއްވެސް ކުޅުންތެރިއަކަށް ދެރަގޮތެއް ވާން ނޭދެން، ގޮތް ނިންމުމުގެ ފުރުސަތު އޮތީ އެ އެސޯސިއޭޝަނަށް، ކޮވިޑުގެ ހާލަތުގެ ސަބަބުން ޔޫކޭގެ ހާލަތު އަދިވެސް ގޯސް، ކިރިޔާވެސް ފުރުސަތެއް އޮތްނަމަ ސަލާހް ދިއުމަށް ފުރުސަތު ދޭނަން" ލިވަޕޫލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަލާހް އަކީ ލިވަޕޫލްގެ ތާރީހުގައިވެސް މުހިއްމު ކުޅުންތެރިއެކެވެ. ޕްރިމިއަރ ލީގު ލިވަޕޫލަށް އުފުލައިދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.