އެންމެ އަވަހަށް އޮންނަ ޓްރާންސްފަރ ބާޒާރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވާން ބޭނުންވަނީ އިނގިރޭސި ކުލަބަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިޓަލީގެ ޔުވެންޓަސްއާއި އެކު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު 100 މިލިއަން ޔޫރޯއަށެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ރޮނާލްޑޯގެ މުސްތަގުބަލާ ގުޅުވައިގެން އެކި ގައުުމުތަކުގެ ނޫސްތަކުގައި އަންނަނީ ތަފާތު ވާހަކަތައް ލިޔަމުންނެވެ. އެންމެ ބޮޑަށް ދެކެވުނީ އަލުން ރެއާލަށް ދާން އުޅޭ ވާހަަކަތަކެވެ. އެކަމާޢި ގުޅިގެން ރޮނާލްޑޯ ވަނީ އާންމުކޮށް ނުކުރާ ވަރުގެ ދިގު ބަޔާނެއް ނެރެފައެވެ.

އެންމެފަހުން އިޓާލިއަން ލީގުގައި އުދިނޭޒީއާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ އިނީ ބެންޗުގައެވެ. ރިޕޯޓުތައް ބުނާގޮތުން އެއީ ކުލަބު ބަދަލުކުރަން ބޭނުންވާކަމަށް ބުނެ އެ ކުލަބުގެ މެނޭޖްމަންޓަށް އެންގުމަށްފަހު ރޮނާލްޑޯ ކުރި ކަމެކެވެ. ނަމަވެސް އެ މެޗުގެ ދެވަނަ ހާފުގައި އޭނާ ވަނީ ކުޅެން އަރާފައެވެ.

ރޮނާލްޑޯއާއި ހަވާލާދީ އިޓަލީގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުލަބް ބަދަލުކުރާށެވެ. ނަމަވެސް މިހާރު ޔުވެންޓަސްގެ އެއްބަސްވުން އޮތުމާއި އެކު އޭނާ ހޯދަން ބޭނުންވާ ކުލަބެއް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. އެހެންކަމުން ބެލެވޭގޮތުގައި އަންނަ އަހަރު ރޮނާލްޑޯގެ އެއްބަސްވުން ހަމަވާ ހިސާބުން އޭނާ ހޯދަން ބޮޑެތި ކުލަބުތަކުން ބިޑުކުރާނެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ބަދަލުވާން ބޭނުންވަނީ އިނގިރޭސި ކުލަބަކަށެވެ. ބަދަލުވުން އެންމެ ގާތީ އޭނާގެ ކުރީގެ ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށެވެ. މިކަމަށް ބާރުދޭ އެއް ކަމަކީ ޔުނައިޓެޑުގެ އިސްވެރިންވެސް މިކަމުގެ އިޝާރާތެއް މި ވޭތުވެދިޔަ ހަފުތާގައި ދީފައިވުމެވެ. ނަމަވެސް މިކަމާއި ގުޅޭ ރަސްމީ އެއްވެސް ވާހަކައެއް ދެފަރާތުން ވެސް ނުދައްކައެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ ވިސްނުން ހުރީ އެމެރިކާ ލީގަށް ކުޅުމަށްފަހު ކުލަބް ކެރިއަރު ނިންމާލާށެވެ. އެގޮތުން އިންޓަ މަޔާމީ ޓީމުން މިހާރުވެސް ރޮނާލްޑޯއާއި ވާހަކަދައްކަމުން އަންނަ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.