ގުރޫޕް ޖީގެ ފަހު މެޗަށް ނުކުންނައިރު، އިންގްލެންޑާއި ބެލްޖިއަމް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މި މެޗުން ހަމައެކަނި ކަނޑައެޅޭނީ ގުރޫޕް ޖީގެ އެއްވަނަ އާއި ދެވަނަ ޓީމެވެ.

ދެ ޓީމު ވެސް ދެވަނަ ބުރަށް ކޮލިފައިވެފައި އޮތުމުން، މިރޭގެ މެޗުގައި ދެ ޓީމުގެ ފުރަތަަމަ 11 އިން ވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

އިންގްލެންޑަށް ބަލާއިރު، މާކަސް ރަޝްފޯޑް، ގެރީ ކޭހިލް އަދި އެރިކް ޑަޔާ ފުރަތަމަ 11 އިން ފެންނާނެ ކަމަށް ބެލެވެ އެވެ. އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ނުކުޅެވުނު ޑެލީ އަލީ އަލުން ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް، މިރޭގެ މެޗުގައި އެނާ ފެނުމަކީ ދުރު ކަމެކެވެ.

ބެލްޖިއަމް އަށް ބަލާއިރު، އަނިޔާގެ ސަބަބުން ރޮމެއޫ ލުކާކޫ އާއި ޑްރިއަސް މާޓަންސް އަދި ކެޕްޓަން އެޑިން ހަޒާޑް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ. އަދި ރީނދޫ ކާޑު ކުރީ މެޗުތަކުގައި ހޯދާފައިވާ ކެވިން ޑެބްރޮއިނާ، ތޯމަސް މޮނިއޭ އަދި ޔާން ވެތޮންގަން އަށް ވެސް މިރޭގެ މެޗަށް ރެސްޓް ދޭނެ ކަމަށް ބެލެވެ އެވެ.

އިންގްލެންޑާއި ބެލްޖިއަމް ވަނީ މީގެ ކުރިން ދެ ފަހަރު ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. މި ދެ ޓީމު 1954 ވަނަ އަހަރު ކުޅުނު މެޗު 4-4 އިން އެއްވަރުވިއިރު، 1990 ވަނަ އަހަރު ކުޅުނު މެޗުން އިންގްލެންޑް ވަނީ މޮޅުވެފަ އެެެވެ.

އިންގްލެންޑް:

އިންގްލެންޑް އިން ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި 8 ލަނޑު ޖަހައިފަ. އިންގްލެންޑް އިން 1954 އަދި 1990 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް 8 ލަނޑު ޖެހި. މިއަށްވުރެ އިތުރަށް އިންގްލެންޑް އިން ވޯލްޑް ކަޕްގައި ލަނޑު ޖެހީ 1966 ވަނަ އަހަރު. އެ އަހަރު ޗެމްޕިއަންކަން ހޯދީ ވެސް އިންގްލެންޑް.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން އިންގްލެންޑް އެންމެ ފަހުން މޮޅުވީ 1982 ވަނަ އަހަރު.

ބެލްޖިއަމް:

ބެލްޖިއަމް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވީ ތިން ލަނޑުގެ ތަފާތަކުން. ވޯލްޑް ކަޕްގައި ޖެހިޖެހިގެން ތިން މެޗުގައި ތިން ލަނޑު ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން މިހާތަނަށް ޓީމެއް މޮޅެއް ނުވޭ.

ވޯލްްޑް ކަޕްގެ ގުުރޫޕް ސްޓޭޖުގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ބައްޔެއްް ނުވޭ.

އެނގޭތަ؟

ބެލްޖިއަމްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އިންގްލެންޑް އޮޮތީ ބަލިނުވެ އެވެ. އެންމެ ފަހުން 2012 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް އިންގްލެންޑް ވަނީ މޮޅުވެފަ އެވެ.