އިކުއެޓޯރިއަލް ފިޝިން ކްލަބްގެ ފަރާތުން އައްޑޫގައި ބާއްވާ "ޖަޒީރާ މަސްރޭސް 2021" ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ ފަހު ތާރީހަކީ މިމަހުގެ 23 ކަމަށް އެ ކްލަބުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލާއި ގުޅިގެން ފަތުރުވެރިކަމުގެ ދުވަހުގެ އިވެންޓެއްގެ ގޮތުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތް ކުރިއަށް ދާނީ މަރަދޫގައެވެ.

އިންތިޒާމު ކޮމެޓީގެ ފަރާތުން އަޙްމަދު ނިޝާން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ޒުވާނުން މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމާއި މިފަދަ ހަރަކާތްތަކަށް މުޖުތަމައު ތެރެއިން ގިނަ ބަޔަކު ބައިވެރި ކުރުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ކޮންމެ ޓީމެއްގައި މަދުވެގެން ދެ މީހުން އަދި ގިނަ ވެގެން ހަ މީހުން ތިބެން ޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް އެ ޓީމެއްގެ އުޅަނދުގައި ސޭފްޓީ ގިއަރު ހަމަނަމަ ބައިވެރިވެވޭނެއެވެ.

މުބާރާތުގެ އެއްވަނައަށް ދާ ފަރާތްތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ދެވަނަ ޓީމަށް 20،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ވަކި ވަކި ފަރާތްތަކަށް ޓްރޮފީ ހަވާލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި މުބާރާތަކީ މީގެ ކުރިން ވެސް އެކްލަބުން ގުޅިގެން 2020 ވަނަ އަހަރު ބާއްވާފައިވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ ސިލްވާ ސްޕޮންސަރަކީ ޗޮކޯބްލާސްޓް އަދި ކޯ ސްޕޮންސަރަކީ ޝޮޕްއެންގޯއެވެ.

މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އައްޑޫގައި މިވަގުތު ވެސް 400 އަށްވުރެ ގިނަ މަސްވެރިން، އަދި 14 އުޅަންދު މަސްވެރިކަމުގައި ހަރަކާތްތެރިވެއެވެ.