މިއަހަރުގެ ވޯލްޑް ކަޕު ފެށިގެން އައި އިރު ސުއަރޭޒް އެންމެ ބޭނުންވި ގޮތަށް ފެށިފައި ނުވީނަވަމަވެސް ބާސެލޯނާގެ ތަރި ގަބޫލު ކުރަނީ އޭނާ އަށް އަދިވެސް ކުޅުން ރަނގަޅު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ސުއަރޭޒް ގަބޫލު ކުރަނީ މުބާރާތުގެ ފެށުމާއި މިހާރަށް ބަލާއިރު މިހާރު އޭނާ ވަރަށް ބޮޑު ތަން ކުޅުން ރަނގަޅު ކޮށްފައި ވާކަމަށެވެ. ހަމަ އެހެންމެ މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭއިރު އޭނާ އަށް ޓީމު ކުޅުންތެރިން އަދި އޭނާގެ އަމިއްލަ ނަފްސުގެ އިތުބާރު އެބައޮތެވެ.

ގުރޫޕް ސްޓޭޖުގައި ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި، ދެވަނަ މެޗުގައި ސައުދީ ކޮޅަށް އޭނާ ވަނީ ލަނޑެއް ޖަހާފައެވެ. މީގެ އިތުރުން 0-3 ގެ ނަތީޖާ އަކުން ރަޝިޔާ ބަލި ކުރި މެޗުގައި ވެސް ސުއަރޭޒް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. "ފުރަތަމަ މެޗުގެ ކުޅުމަށް ވުރެ މިހާރު އަހަރެންގެ ކުޅުން ރަނގަޅު ވެއްޖެ، އަހަރެން ގަބޫލު ކުރަނީ އަހަރެންނަކީ 'ޕާފެކްޝަނިސްޓެއް' ކަމަށް. ކޮންމެ މެޗެއް ނިމުމަށް ފަހު މެޗުގައި ހިނގި ކަންތަކާއި ބެހޭގޮތުން އަހަރެން ކޯޗު އަދި ކުޅުންތެރިންނާއި ވާހަކަ ދައްކަން" ޕޯޗުގަލް އާއި ކުޅުމުގެ ކުރިން ސުއަރޭޒް ބުންޏެވެ.

"އަހަރެންނަށް އެނގޭ ކުރިޔަށް އޮތީ މުހިންމު މެޗެއްކަން، އަހަރެމެން ކުޅެނީ ޔޫރަޕުގެ ޗެމްޕިއަން ޓީމާއި. މުޅި ޓީމުވެސް އޮތީ ތައްޔާރަށް އަދި ކަމެއް ގޯސް ވިޔަސް ހަމަޖެހިލައިގެން ތިބެން އަހަރެމެން ތައްޔާރު. އުރުގުއޭގެ ވިސްނުމަކީ މޮޅުވުން. ގުރޫޕް ސްޓޭޖުގައި ދެކެވުނު ވާހަކަ އަކީ ގުރޫޕް ސްޓޭޖު ނިންމަންވީ ހިސާބު. ނަމަވެސް ކުޅުންތެރިން ބެލީ މޮޅުވާން" ސުއަރޭޒް ބުންޏެވެ.

އުރުގުއޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ސުއަރޭޒް އަށް ވާއިރު އޭނާ އާއި އެކު ކުޅޭ ކަވާނީ އަކީ މިމުބާރާތުގައި ވެސް ކުޅޭ އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ.

"އަހަރެން ކަވާނީ ދަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ، މިހާރު އެކީ ގައުމީ ޓީމަށް ކުޅޭތާ 10 އަހަރު ވެދާނެ. ދެމީހުންވެސް ކުޅެނީ އެއް ގައުމަކަށް ކާމިޔާބު ހޯދައި ދިނުމަށް. އެހެން ކަމުން އަހަރެން ވެސް މަސައްކަތް ކުރަން ކަވާނީ އަށް އެހީ ދީގެން ކުޅެން" ކަވާނީ އާއި ބެހޭގޮތުން ސުއަރޭޒް ބުންޏެވެ.

ޕޯޗްގަލް އާއި އުރުގުއޭ ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން 23:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ އަވަހަށް ކޮންމެވެސް މީހަކު ހަފައިކާނެ މިފަހަރު! ރަގަޅުވާނެ ރޮނާލްޑޯ ގައިގައި ދަތްއެޅިއްޔާ!