ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްގެ ކުރީގެ ތަރި ސްޓީވަން ޖެރާޑް ހަދާފައިވާ ރެކޯޑަކާއި އެ ޓީމަށް މިހާރު ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް އަރާ ހަމަކޮށްފިއެވެ.

ސަލާހް މި ރެކޯޑާއި އަރާ ހަމަކޮށްފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑާއެކު އެވެ. މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

އެއާއެކު ޗެމްޕިއަންސް ލީގުގައި ސަލާހް ވަނީ ޖެރާޑް މި މުބާރާތުގައި ޖެހި ލަނޑުތަކާއި އަރާ ހަމަކޮށްފައެވެ. ސަލާހް ވަނީ ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އޭނާގެ ކުރީގެ ކުލަބް ރޯމާގައި ތިން ލަނޑު ޖަހާފައެވެ.

މުޅި ޗެމްޕިއަންސް ލީގުގައި ސަލާހް މިހާތަނަށް ޖެހި ލަނޑުތަކުގެ އަދަދު މިހާރު ވަނީ 26 އަށް އަރާފައެވެ. އެއީ އެންމެފަހުން އޭސީ މިލާނާއި ދެކޮޅަށް ޖެހި ގޯލުވެސް ހިމަނައިގެންނެވެ. މީގެތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން ސަލާހް ލަނޑު ޖަހާފަައިވަނީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައެވެ.

މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ލަނޑަކީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީން އޭނާ ކާމިޔާބުކުރި ލަނޑެވެ.