އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން އެންމެ އެދެވޭ ކުޅުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އާޖެންޓީނާއިން ކުރި ކަމަށް އެ ގައުމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފިއެވެ.

ވޯލްޑްކަޕްގެ ގަދަ 16ގައި ރޭ ފްރާންސްއާއި ދެކޮޅަށް ކުޅެ 4-3 ގެ ނަތީޖާއަކުން ބަލިވެ ވޯލްޑްކަޕާއި އަލްވަދާއު ކިޔަން ޖެހުނު މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗް ސަމްޕައޯލީ ބުނީ މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި މެސީގެ ބޭނުން މެޗުގައި ހިފުމަށް އެކި ގޮތް ގޮތުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

މެސީއަށް އޭނާގެ އަސްލު ކުޅުން ހޯދައި ދިނުމަށް އެކި އެކި ޓެކްޓިކްސް ތަށް ބޭނުން ކޮށްފައިވާ ކަމަށްވެސް ސަމްޕައޯލީ ބުނެފައިވެއެވެ.

"އާޖެންޓީނާއިން މަސައްކަތް ކުރި މެސީއަށް އޭނާގެ އަސްލު ކުޅުން ދެއްކުމަށް އެހީތެރިވެވޭތޯ. އެގޮތުން މެސީއަށް ޖާގަ ހުސްކޮށްދީ، މެސީއަށް ފަސޭހައިން ބޯޅަ ހިފައިގެން ކުރިއަށް ދެވޭނެ ގޮތްވެސް ތަނަވަސް ކޮށްދިނިން." ސަމްޕައޯލީ ބުނެފައިވެއެވެ.

ނާކާމިޔާބީއަކީ އޭނާ އެއްގޮތަކަށްވެސް ގަޔާވާ ބަހެއް ނޫން ކަމަށާއި ވޯލްޑްކަޕާއި އާޖެންޓީނާ އަލްވަދާއު ކިޔަން ޖެހުނުކަމުގައި ވިނަމަވެސް އާޖެންޓީނާއިން ވޯލްޑްކަޕާއި ވަކިވީ އެންމެ ފަހުވަގުތާ ހަމައަށްވެސް ހިތްވަރުކޮށްފައި ކަމަށް ސަމްޕައޯލީ ބުންޏެވެ.

އާޖެންޓީނާގައި މޮޅެތި ކުޅުންތެރިންނާއި ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މުސްތަގުބަލުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން އަދިވެސް ކާމިޔާބީ ހޯދޭނެ ކަމަށް ސަމްޕައޯލީ ބުނެފައިވެއެވެ.

މީގެ ކުރިން ޗިލީއަށްވެސް ކޯޗުކަން ކޮށްދީފައިވާ ސަމްޕައޯލީ ބުނި ގޮތުގައި ވޯލްޑްކަޕާއި ވަކިވާން ޖެހުމުން މާޔޫސްވާ ކަމަށާއި އޭނާ އަބަދުވެސް ބޭނުންވަނީ ވޯލްޑްކަޕްގައި ދެވެން އޮތް އެންމެ ދުރަކަށް ދިޔުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުޖޭ

    މެޝީއަށް ހަމަ ބޯޅަ ނުދީކުޅެން އުޅުނީމައްވީ ގޮތް.....