ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ލިއޮނަލް މެސީ ބަދަލުވުމަށްފަހު ކާމިޔާބުކުރި ފުރަތަމަ ލަނޑާާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މެސީ ލަނޑުޖަހާފައިވާއިރު މިހާތަނަށް ޕީއެސްޖީ ކުޅުނު މެޗުތަކުގައި އޭނާއަށް ލަނޑު ނުޖެހޭތީ ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

އެ ފާޑުކިޔުންތަަކަށް މެސީ ޖަވާބުދިނީ ޗެމްޕިއަންސް ލީގުގައެވެ. މެސީ ޕީއެސްޖީއަށް ފުރަތަމަ ލަނޑު މި ޖެހީ މިހާތަނަށް އޭނާ ޕީއެސްޖީއަށް ކުޅެދިން ހަތަރުވަނަ މެޗުގައެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ގްރޫޕް އޭގައި ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާާއެކު އެވެ. ސިޓީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ.

މެޗުން ޕީއެސްޖީ މޮޅުވިނަމަވެސް ސިޓީން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ޓީމަށް އެންމެ ބޮޑު ހުރަހަކަށްވީ ޕީއެސްޖީގެ އުއްމީދީ ގޯލްކީޕަރު ޑޮނަރުއްމާ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މި މެޗުގައި ސިޓީގެ ގިނަ ހަމަލާތަަކެއް ދިފާއުކޮށްފައެވެ.

ޕީއެސްޖީން މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އިދްރީސާ ގާނާ އެވެ. އޭނާ މި ލަނޑުޖެހީ އޭރިއާ ތެރެއަށް އެމްބާޕޭ ފޮނުވާލި ބޯޅަ ސިޓީގެ ކުޅުންތެރިންނަށް ރަނގަޅަށް ދިފާއުނުކުރެވުމުގެ ފައިދާ ނަގައި ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީން ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެސީ ކާމިޔާބުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މިއީ ކީލިއަން އެމްބާޕޭ ޖައްސާލި ރީތި ބޯޅައަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އާރުބީ ލިޕްޒިގް އާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ކުލަބް ބްރޫޖް އެވެ.