ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ދިވެހި ކުޅުންތެރިންގެ ހުނަރު ފާހަގަކޮށްލެވޭ ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭއިރު މިއީ ނޭޕާލުން ސަމާލުވާނެ ކަމެއްކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާނީ ހުކުރުދުވަހުގެ ރޭ 21:00 ގައެވެ. މި މެޗު ފަށާނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ އެސިސްޓަންޓް ކޯޗު ވަނީ އަމިއްލަ ދަނޑުގައި ދިވެހިންނަށް ފައިދާތަކެއް ކުރާނެކަމަށް ބުނެފައެވެ. އަދި ނޭޕާލުން މަސައްކަތްކުރާނީ އެ ގައުމުގެ އަމިއްލަ ކުޅުން ދެއްކޭތޯ ކަމަށާއި ކުޅުންތެރިން ތިބީ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ބޭނުންވެފައި ކަމަށެވެ.

ކޯޗު ބުނީ މި މެޗުގައި ނޭޕާލުން ހަލުވި ކުޅުމެއް ކުޅެންޖެހޭނެ ކަމަށާއި ދިވެހި މީގެކުރިން ނޭޕާލާއި ރާއްޖެ މެޗުތަކުގައި ރާއްޖެ ކުރިހޯދި ނަމަވެސް މި މެޗުން ނޭޕާލަށް ތާރީހު ބަދަލުކުރެވިދާނެ ކަމަށެެވެ.

"ދިފާއީ ޗެމްޕިއަނުންނާއި އެންމެ ފުރަތަމަވެސް މި ކުޅެން ޖެހުނީ އެމީހުން ދަނޑުގައި، ގޭމް ހަލުވިކޮށްގެން ނޫނީ ރާއްޖެ އަތުން ކުރިހޯދޭނެ ގޮތެއް މިވަގުތު ނެތް" އެސިސްޓަންޓް ކޯޗު ބުންޏެވެ.

ސަރަހައްދީ ފުޓުބޯޅައިގައި ނޭޕާލަށް އަދި މިހާތަނަށް ދިވެހިރާއްޖޭގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. ނޭޕާލާއި ރާއްޖެ މިހާތަނަށް ހަތް ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. މީގެތެރެއިން ރާއްޖެ ފަސް ފަހަރު މޮޅުވިއިރު ނޭޕާލަށް އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނޭޕާލުގެ ކެޕްޓަން އަދި ރާއްޖޭގެ ޓީސީގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި ކީޕަރު ކިރަމް ޝެމްޝޮންގް ވެސް ވަނީ ދިވެހި ޓީމު ބަލިކުރަން އުނދަގޫވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ނޭޕާލުގައި އޮތް ސްކޮޑު ތަފާތު ކަމަށާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއެކު ސްކޮޑު ވަރަށް ބޮޑުތަން ވަރުގަދަވެފައިވާ ކަމަށް އޭނާ ބުންޏެވެ.