ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ކާމިިޔާބު އިންޑިއާ މިފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާއާއި ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މިއީ އިންޑިއާއަށް މާޔޫސްކުރުވަނިވި ނަތީޖާއެކެވެ. ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަންގްލަދޭޝް އަތުން އެއްވަރުވެފައެވެ. ދެވަނަ މެޗުން ލަންކާއާއި އެއްވަރުވުމުން އިންޑިއާ މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުން ލިބުނީ ދެ ޕޮއިންޓެވެ.

އަނެއްކޮޅުން މި މެޗާއި ކުރިމަތިލިއިރު ސްރީލަންކާ ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަންގްލަދޭޝް އަތުން 1-0 އިން ބަލިވެފައެވެ. ދެވަނަ މެޗުން ނޭޕާލް އަތުން ވަނީ 3-2 އިން ބަލިވެފައެވެ.

އެންމެފަހުން މި ދެ ޓީމު ކުޅުނު މެޗެއް އެއްވަރުވެފައިވަނީ 2003 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އޭގެފަހުން މިހާތަނަށް މި ދެ ޓީމު ވަނީ ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މި ހަތަރު ފަހަރުވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާ އިންނެވެ.

މެޗު ބަލަން ވަދެތިބި ލަންކާ ސަޕޯޓަރުން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗު ފަށައިގެން އިންޑިއާއިން މަސައްކަތްކުރީ އަވަސް ކުޅުމެއް ކުޅޭށެވެ. ނަމަވެސް އެ ޓީމަށް އެކަން ނާކާމިޔާބުވިއެވެ. ލަންކާއިން ކުޅުނީ އެއަށްވުރެ ހުށިޔާރުވެގެންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު އުދަންތާ ސިންގް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ހޯދާ ލިސްޓަން ކޮލާާސޯ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއްނުވިއެވެ. އޭގެފަހުންވެސް އިންޑިއާއިން ވަނީ މި މެޗުގައި ފަހަތުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ.

ސްރީލަންކާއިން ކުޅެމުންދަނީ އާދައިގެ މަތިން އެ ޓީމުގެ ވަރުގަދަ ފިޒިކަލް ކުޅުމެވެ. އިންޑިއާގެ ކުޅުންތެރިންނަށްވެސް މިކަމާއި ގުޅިގެން ގިނަ އުނދަގޫތަކެއް ކުރިމަތިވިތަން ފެނިގެންދިޔަ އެވެ. ހާއްސަކޮށް އިންޑިއާގެ ހަމަލާތައް ހުއްޓުވަން ސްރީލަންކާގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ.

ސްރީލަންކާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިންޑިއާ އަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ލަންކާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ފަހަތަށް ޖެހި އެ ބޯޅަތައް ހޯދާފައިވެއެވެ. މެޗުގެ ކުޅުން ދިޔަ ވަރަކަށް އިންޑިއާއިން ގިނަވަގުތު ބޯޅަ ހިފަހައްޓާއިގެން ކުޅެމުންދިޔަ އެވެ. އިންޑިއާގެ ކުރިޔަށް ފޮނުވާލާ ހަމަލާތަކުގެ އެންމެ ބޮޑު ހުރަހަކީ ކީޕަރު ސުޖަން ޕެރޭރާ އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ސޭވްތަކެއް ކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން އިންޑިއާއިން ވަނީ މެޗުގެ ކުރީކޮޅު ލީޑުނަގަން ވަރަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ސްރީލަންކާގެ ފަހަތް ފެނުނީ ވަރަށް ރަނގަޅަށެވެ. ކުރިޔަށް ކުޅޭ ފޯވާޑް ޑިލިއަން ޑި ސިލްވާ ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ކުޅުނީ ފަހަތަށް ފައިބައިގެންނެވެ

ގިނަ ރީނދޫ ކާޑުތަކެއް މި މެޗުގައި ފެނިގެންދިޔަ އެވެ. މީގެތެރޭގައި އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް އަށްވެް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފަައެވެ. އެއީ ރެފްރީއާއި މުހާތަބުކުރި ގޮތުގެ ސަބަބުންނެވެ.

ސްރީލަންކާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ވަނީ 8 މިނެޓުގެ އިތުރު ވަގުތު ކުޅެން ދައްކާފައެވެ. މި އަށް މިނެޓުގެ ތެރޭގައި އިންޑިއާއިން ވަނީ ކުރިޔަށްޖެހި ކުޅެފައެވެ. މުޅި ސްރީލަންކާ ޓީމު ކުޅުނީ ފަހަތަށް ޖެހިގެންނެވެ. ނަމަވެސް އެ ޓީމަށް ތަފާތެއް ނުދެއްކުނެވެ.

ލަންކާގެ ޑިފެންސްލައިން ފޫއަޅުވާނުލެވި ގިނައިރު ވި ވަރަކަށް އިންޑިއާ ޓީމުން މަޑުމަޑުން ޕްރެޝަރަށްދިޔަ އެވެ. އަދި ލަންކާގެ ކުޅުންތެރިންނަށް ކުރާ ފައުލުތައް ވެސް ދިޔައީ ގިނަވަމުންނެވެ. އިންޑިއާއިން ފުރަތަމަ މަސައްކަތްކުރީ ސުނިލް ޗެތްރީއަށް ބޯޅަދީ ހަމަލާތައް އުފެއްދުމަށެވެ. ނަމަވެސް އެކަން ނުވުމުން ދެން މަސައްކަތްކުރީ އަރިމަތިން އޭރިއާތެރެއަށް ހުރަސްތައް ފޮނުވައިގެން ލަނޑުޖެހުމަށެވެ. ނަމަވެސް އިންޑިއާއަށް އެކަންވެސް ނާކާމިޔާބުވި އެވެ. ލަންކާއިން ވަނީ އިންޑިއާގެ ދެ އަރިމަތި ވަރަށް ރަނގަޅަށް ހިފަހައްޓާފައެވެ.

މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާއިން މިފަހަރުގެ މުބާރާތުގައި ދައްކަނީ ދަށް ކުޅުމެކެވެ. ފަހަތުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް މައްސަލަ ކުރިމަތިވަނީ ފޯވާޑް ލައިނުގައި ބޯޅަ ހަރުނުވުމުގެ މައްސަލައެވެ. އިންޑިއާއިން މި މުބާރާތާއި ކުރިމަތިލިއިރު ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް އެ ޓީމުގެ ކޯޗުކަމުގައި ހުރި އިގޯ ސްޓިމަކްގެ ރޭވުންތެރިކަމެއް ނެތްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާފް

    މީ އިންޑިއާ ފަހަރެއް ނޫންކަން އެނގިއްޖެ!

    15
  2. ޙަސަނާ

    އިރާދަކުރެއްވިއްޔާ އިންޑިއާ އަށާއި އިންޑިއާގެ ބައިވެރިންނަށް މި މުބާރާތުގައި ލިބޭނީ ނާކާމިޔާބު.

    26
    1
  3. Anonymous

    އިންޑިއަން ދޭސީ ބްލޫ ކެޓްސް 😂

    10
  4. ދަރަޖަ

    ﷲގެ އިރާދަފުޅުން ހުރިހާކަމެއްގަވެސް އިންޑިޔާއައް މިގައުމުން ދެންފެންނާނީ މާޔޫސްކަމާއި މޮޅުވެރިކަމާއި ހިއްދަތިކަން.