އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ ކުޅުނު ތިންވަނަ މެޗުގައި ނޭޕާލް 1-0 ގެ ނަަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު އިންޑިއާއިން އާކޮށްފިއެވެ.

ނޭޕާލް މެޗާއި ކުރިމަތިލިއިރު މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށް މި މެޗުން އިންޑިއާއަށް މުހިއްމެވެ. އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އަނެއްކޮޅުން ނޭޕާލް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މި މެޗުން މޮޅުވެގެން ފައިނަލުން ޖާގައެއް ނޭޕާލަށް ލިބެން އޮތެވެ.

މިއީ މި މުބާރާތުގައި އިންޑިއާއިން ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމަަށް ލަނޑުނުޖެހުމުގެ މައްސަލަ ބޮޑުވެފައިވާއިރު މިއީ އެ ޓީމުގެ ކޯޗު އިގޯ ސްޓިމަކް ގެ ބޮލުގެ ރިހުމަށް ލިބުނު ލުޔެކެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިންޑިއާއިން މި މެޗު ފެށީ ވަރުގަދަކޮށެވެ. ފޯވާޑް ލައިނުގައި ސުނިލް ޗެތްރީއާއި މަންވީރު ސިންގް ހިމަނައިގެން އިންޑިއާއިން މެޗު ފެށިއިރު މި މެޗަށް ނޭޕާލް ކުރިމަތިލީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެންނެވެ. އެގޮތުން އެންމެ ފަހަތުގައި ނޭޕާލުން ފަސް ޑިފެންޑަރުން ހިމެނިއެވެ. މެދުތެރޭގައި ތިން މިޑްފީލްޑަރުން ތިބިއިރު ފޯވާޑް ލައިނުގައި ހިމެނުނީ ދެ ކުޅުންތެރިންނެވެ.

މެޗުގައި އިންޑިއާއަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ނޭޕާލުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ފަހަތަށް ފައިބައެވެ. އަދި އިންޑިއާ ކުޅުންތެރިން ކުރިޔަަށްޖެހޭ ދަނޑިވަޅުތަކުގައި ނޭޕާލުން މަސައްކަތްކުރީ ކަައުންޓަރ ހަމަލާތަކުގައި ނުރައްކާކުރާށެެވެ. ނަމަވެސް އިންޑިއާގެ ކުޅުންތެރިން އެއަށްވުރެ ހަލުވިއެވެ.

ފުރަތަމަ ހާފުގައި އިންޑިއާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ މަދު ބޯޅައެކެވެ. ދެވަނަ ހާފުގައި އިންޑިއާގެ އުކުޅުތައް ވަރުގަދަކުރި އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިންޑިއާއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފާރޫކުަ ބޮލުން ބޯޅަޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ސުނިލް ޗެތްރީއަަް ލިބުނު ބޯޅައިންނެވެ.

މި ނަތީޖާއާއެކު އިންޑިއާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ރާއްޖެއާއި ޖެހިގެން ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އަދިވެސް އޮތީ ނޭޕާލެވެ.

އިންޑިއާ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއެވެ. މި މެޗު ކުޅޭނީ މިމަހުގެ 13 ވާ ބުދަދުވަހުގައެވެ. މުބާރާތުގެ ފައިނަލް އިންޑިއާއަށް ޔަގީންވާނީ މި މެޗުގައި ރާއްޖެ ބަލިކޮށްގެންނެވެ.