ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ލިއޮނެލް މެސީއާއި ކީލިއަން އެމްބާޕޭގެ ލަނޑުތަކުން އާރުބީ ލިޕްޒިގް އަތުން ޕީއެސްޖީ މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ އާރުބީ ލިޕްޒިގް އިން ލީޑުގައިވަނިކޮށް ފަހަތުން އަރާ މެސީ ކާމިޔާބުކުރި ލަނޑުތަކުން 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން މި މެޗުގައި ނުކުޅެއެވެ. މީގެތެރޭގައި ނޭމާ ހިމެނެއެވެ. އޭނާއަށް މި މެޗު ގެއްލުނީ ބްރެޒިލް ގައުމީ ޓީމާއެކު ހޭދަކުރި މުއްދަތުގައި އަނިޔާވުމުންނެވެ. އަދި ފޯވާޑް މައުރޯ އިކާޑީ އާއިލީ ޗުއްޓީއެއްގައި ހުރިއިރު ސާޖިއޯ ރާމޯސް އަދިވެސް އަނިޔާއިން ރަނގަޅުނުވެއެވެ.

މެސީ އާއި އެމްބާޕޭ، މުޅި މެޗުގައި ވެސް ޕީއެސްޖީއަށް ތަފާތު ދެއްކީ މި ދެ ކުޅުންތެރިން

މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ މި މެޗުގައި ލަނޑެއް ޖަހާފައެވެ. ކައުންޓަރ އެޓޭކެއްގައި މެޗުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ. މިއީ ޖޫލިއަން ޑްރެކްސްލާ ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު އާރުބީ ލިޕްޒިގް ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ޕީއެސްޖީއަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާއެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވަރެއްގައި އޮވެ ނިމުނުއިރު، ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ލިޕްޒިގް ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑަކީ އެންޖެލީނޯ ނަގައިދިން ހުރަހަކުން ނޯޑީ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން ލިއޮނަލް މެސީ ވަނީ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ޕީއެސްޖީ މޮޅުވި ލަނޑުވެސް ކާމިޔާބުކުރީ މެސީ އެވެ. މިއީ އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިިޔާބުކުރި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މި ބޯޅަ ފޮނުވާލި އެމްބާޕޭއަށް އެ ބޯޅަ ގޯލާއި އަމާޒުކުރެވޭ ގޮތެއް ނުވިއެވެ.

އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ލަނޑުޖެހުމުން ސިޓިގެ ކުޅުންތެރިން އުފާފާޅުކުރަނީ

މި ގްރޫޕުގައި ދެން ހިމެނޭ މެންޗެސްޓަރ ސިޓީއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު މެންޗެސްޓަރ ސިޓީ ވަނީ 5-1 އިން ފަސޭހަކަމާއި އެކު ކާމިޔާބުކޮށްފައެވެ.

ބްރޫޖުގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޖޮއާއޯ ކަންސޭލޯ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރިޔާދް މަހްރޭޒް ވަނީ ދެވަނަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދީފައެވެ.

މެޗުގައި ސިޓީގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުއެވެ. މި ލަނޑު ކައިލް ވޯކާ ޖަހައިދިން އިރު ސިޓީގެ ހަތަރުވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ޔޫތު ޓީމުގައި ވިދަމުން އަންނަ އުމުރުން 19 އަހަރުގެ ކޯލް ޕާމާ އެވެ.

މި މެޗުގައި ބްރޫޖުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ފަހުކޮޅުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެންސް ވަނެކެންއެވެ. ބްރޫޖް އަށް ލަނޑެއް ޖަހައި ހަމަނޭވާ ނުލެވި އުޅެނިކޮށް ސިޓީގެ ރިޔާދް މަހްރޭޒް ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ދެ މެޗާއެކު ގްރޫޕް އޭގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ތިންމެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސިޓީ އޮތީ އެއް ޕޮއިންޓް މަދުންނެވެ. ތިންވަނައިގައި ކުލަބް ބްރޫޖް ހަތަރު ޕޮއިންޓާއެކު އޮތްއިރު ފުލުގައި އާރުބީ ލިޕްޒިގް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރެއާލް މެޑްރިޑް ވަނީ ޝަކްތާ ޑޮނެކްސް އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ އިންޓަ މިލާނު ވަނީ އަމިއްލަ ދަނޑުގައި ކުޅެ 3-1 ނަތީޖާއަކުން ޝެރިފް ބަލިކޮށްފައެވެ.