ފްރާންސް އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރ އެރިކް އަބިޑަލް ގާނޫނާއި ހިލާފަށް ފުރަމޭ ބަދަލުކޮށްފައިވާތީ އެ މައްސަލަ އިތުރަށް ދިރާސާކުރަން ސްޕެއިންގެ ނޭޝަނަލް ޓްރާންސްޕްލާންޑް އޯގައިޒޭޝަން ( އޯއެންޓީ) އިން ނިންމައިފިއެވެ.

އަބިޑަލްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން އޯއެންޓީއިން ނިންމީ 2012 ވަނަ އަހަރުގެ ތެރޭގައި އަބިޑަލް ފުރަމޭގެ ބައްޔެއް ޖެހި ފުރަމޭ ބަދަލު ކުރަން ޖެހުމުން ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޯސެލް ސްޕެއިންގެ ގާނޫނުތަކާއި ހިލާފަށް ފުރަމެއެއް އަބިޑަލްއަށް ހޯދައިދީފައިވީއެވެ.

މި މައްސަލަ 2012 ވަނަ އަހަރު ސްޕެއިންގެ ފުލުހުން ތަހުޤީގުކުރަން ފަށާފައިވާއިރު އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ނުލުބުމުގެ ސަބަބުން އެ މައްސަލަވަނީ ބާސެލޯނާގެ އިންވެސްޓިގޭޝަން ކޯޓު 28 އަށް ފޮނުވާފައެވެ. ނަމަވެސް ބާސެލޯނާގެ ކޯޓުން ވެސް އެ މައްސަލަ މަޑު ޖައްސައިލައިފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ.

ފުރަމޭގެ މައްސަލައިގައި އަބިޑަލް މީގެ ކުރިން ބުނެފައިވަނީ އޭނާއަށް ފުރަމޭ ހަދިޔާ ކުރީ އޭނާގެ ބޭބޭއެއް ކަމުގައިވާ ޖެރާޑް ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަން ފަޅާ އެރުމުން ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި ވަނީ ބާސެލޯނާއަށް އަމާޒުވެފައެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ގާނޫނާއި ހިލާފަށް ހޯދި ފުރަމާ ބޭނުންކޮށްގެން އަބިޑަލް ފުރަމޭ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރީ ބާސެލޯނާގެ ކްލިނިކެއްގައެވެ. އަދި އަބިޑަލްގެ އޮޕަރޭޥަން ކުރީ ކެޓަލަން ޓްރާންސްޕްލާންޓް އޯގަނައިޒޭޝަންގެ އެހީތެރިކަމާއި އެކުގައި ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

އަދި ފުރަމޭ ބަދަލުކުރުމުގެ އޮޕަރޭޝަންއެއް ކުރާއިރު ބަލަން ޖެހޭ އެތަކެއް މިންގަނޑުތަކެއް ހުންނައިރު ދިރިހުރި ޑޯނަރެއް ބޭނުންކޮށްގެން އޮޕަޜޭޝަން ކުރާއިރު ސްޕެއިންގެ ސިއްހީ ޖަމިއްޔާތަކުގެ ޕްރޮޓޮކޯލްތަކަށް ފެތެން ޖެހޭއިރު އަބިޑަލްގެ އޮޕަރޭޝަން ކޮށްފައިވަނީ އޭގެން އެއްވެސް ކަމަކަށް ރިއާޔަތް ކުކޮށް ކަމަށް އޯއެންޓީއިން ބުނެއެވެ.

އަބިޑަލްގެ މަށްޗަށް މިހާރު ކުރަމުން ގެންދާ އޮގަން ޓްރެފިކިންގެ މައްސަލަ ސާބިތުވެއްޖެ ނަމަ 12 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.