އަންނަ ޑިސެމްބަރު މަހު ފަށާ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ފަރިތަކުރުންތައް ފަށައިފިއެވެ.

މާޒިޔާއިން މި ފަރިތަކުރުންތައް ފަށާފައިވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމާއި އަލަށް ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) އާއެކު އެވެ. އޭނާ މާޒިޔާއަށް ސޮއިކުރީ އެއްއަހަރު ދުވަަހަށެވެ.

އާ ސީޒަނަށް މާޒިޔާއިން ފަރިތަކުރުންތައް ފެށީ ގައުމީ ފުޓުބޯޅަ ޓީމަށް ނިސްބަތްވާ އެ ކުލަބުގެ ކުޅުންތެރިން ނުހިމަނައެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ބޭއްވި ފަރިތަކުރުންތަކުގައި އެ ކުޅުންތެރިން ވަނީ ކުލަހެދުމުގައި ބައިވެރިވެފައެވެ. އެ ކުޅުންތެރިން ރަސްމީކޮށް ޓީމާއި ގުޅޭނީ މިމަހުގެ 8 ގައި ލަންކާގައި ބާއްވާ މަހިންދަރާޖަ ޕަކްސަ ޓްރޮފީ މުބާރާތަށްފަހު އެވެ.

އާ ކޯޗާއި އެކު މާޒިޔާއިން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: މާޒިޔާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގައި މާޒިޔާއަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ކޯޗު މޯހަން މީގެކުރިން ބުނެފައިވަނީ މިހާރު ތިބި ކުޅުންތެރިންނާއި އެކު ފަރިތަކުރުންތައް ފެށުމަށް ނިންމާފައިވާ ކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިން ޓީމާއި ގުޅުމާއި އެކު އެއީ ޓީމު ބައްޓަންކުރަން ފަށާނެ ވަގުތުކަމަށް ކޯޗު ބުންޏެވެ.

ރާއްޖޭގެ ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މާޒިޔާއާއި ހަވާލުވީ އޭނާގެ ކުރީގެ ކުލަބު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޮންޓްރެކްޓް އުވާލިތާ ހަފްތާއެއް ފަހުންނެވެ.

ސޮއިކުރުމަށްފަހު މީޑިއާގައި ވާހަކަދައްކަމުން މޯހަން ބުނީ މީގެ ކުރިން ވެސް މާޒިޔާ ކޯޗަކަށް ވާން އެކި ފަހަރު މަތިން ހުށަހެޅުން ލިބުނު ކަމަށާއި އޭރު ހާލަތުގެ ސަބަބުން އެކަން ނުވީކަމަށެވެ. ނަމަވެސް މިފަހަރު ހަވާލުވީ ހުސްކޮށް ހުރި ވަގުތަކާ ދިމާވުމާ އެކު ކަމަށާއި މާޒިޔާއާއި އެކު ކާމިޔާބީ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ.

"މާޒިޔާއާ އެކީގައި ކާމިޔާބު ހޯދުމަކީ ކުރަން ޖެހޭނެ ކަމެއް. ފުޓްބޯޅައިގައި މި ޗެލެންޖް ނެގުމަކީ އެންމެ މުހިއްމު ކަންތައް. އެހެންވެ ޗެލެންޖަކަށް މިކަން ވެސް ގަބޫލުކުރީ" މޯހަން ބުންޏެވެ.