ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަން (ޖޭޖޭއައިއެފް) ގެ އަންހެނުންގެ އިސް މަގާމުތަކަކަށް ރާއްޖޭގެ ޖުޖިޓްސޫ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ޝަހާ ހަސަން ހޮވިއްޖެއެވެ.

ޝަހާއަށް މި މަގާމުތައް ލިބުނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ނިމިގެންދިޔަ ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

މި ޖަލްސާގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުސެއިން ޒާހިރު އާއި ޖެނެރަލ ސެކްރެޓަރީ ޝަހާ ހަސަން އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޖޭޖޭއައިއެފްގެ އަހަރީ އާންމު ޖަލްސާގައި ރާއްޖެ ތަމްސީލުކުރި ފުރަތަމަ ފަހަރެވެ.

މި ޖަލްސާގެ ތެރެއިން ޝަހާއަށް ވަނީ އެ ފެޑެރޭޝަނުގެ އަންހެނުންގެ ހާއްސަަ މަގާމުތަކެއް ލިބިފަައެވެ. މިއީ ޝަހާއަށް ލިބުނު މަޤާމުތަކެވެ.

  1. ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އަންހެނުންގެ ކޮމިޝަނުގެ މެމްބަރު
  2. ޖުޖިޓްސޫ އޭޝިއަން ޔޫނިއަންގެ ދެކުނު އޭޝިއާގެ އަންހެނުންގެ ކޮމިޝަނަރ
  3. ދެކުނު އޭޝިއާގެ ޖުޖިޓްސޫ އެސޯސިއޭޝަނުގެ ޖޮއިންޓް ސެކްރެޓަރީ
ޖޭޖޭއައިއެފް ގެ ޑިރެކްޓަރ ޖެނެރަލް އާއެކު ރާއްޖެއިން ބައިވެރިވި ޝަހާ އަދި ހުސެއިން ޒާހިރު

މި މަގާމުތަކަކީ އަންހެނުން މި ކުޅިވަރަށް ބާރުވެރިކުރުމުގެ މަގްސަދުގައި އިންޓަނޭޝަނަލް ފެޑެރޭޝަނުން ދިން މަގާމުތަކެކެވެ. މި ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖެ ތަމްސީލުކުރި މެމްބަރު ފުރާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ.

އަހަރީ އާންމު ޖަލްސާއަށްފަހު މިހާރު ކުރިޔަށްދަނީ ޖުޖިޓްސޫ ވޯލްޑް ޗެމްޕިއަންޝިޕެވެ. ޔޫއޭއީގެ ޖުޖިޓްސޫ އެރީނާގައި މި މުބާރާތް ކުރިޔަށްދަނީ ނޮވެމްބަރ 1 އިން 11 ގެ ނިޔަލަށެވެ. މި މުބާރާތަށްފަހު ރާއްޖޭގެ ޓީމެއް އަބޫދާބީއަށް ފުރާނެއެވެ. އެއީ ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ ގްރޭޑިން އާއި ޓްރެއިނިންތަކެއްގައި ބައިވެރިވުމަށެވެ.

މިހާރު ކުރިޔަށްދާ ޖުޖިޓްސޫ ވޯލްޑް ޗެމްޕިއަންޝިޕުގެ ތެރެއިން

މި ޓްރެއިނިންގެ ތެރެއިން އެތްލީޓުން، ކޯޗުން އަދި ރެފްރީކަން ކިޔަވައިދެވޭނެ އެވެ. އެއާއެކު އިންޓަނޭޝަނަލް ފެޑެރޭޝަނުގެ ކޮލިފައިޑް ކޯޗިން އަދި ރެފްރީންގެ ޓީމެއް ރާއްޖޭގައި އޮންނާނެއެވެ.

ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސް ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް ގައި ރަޖިސްޓްރީކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ. ހަމަ އެ އަހަރު ރާއްޖެއިން ވަނީ އިންޑިއާގެ ޗެންނާއީގައި ބޭއްވި ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވެ ހަތް ސިލްވާ މެޑަލް އަދި ހަތަރު ބްރޮންޒް މެޑަލް ހޯދާފައެވެ.

ކޮވިޑުގެ ހާލަތާއެކު ބޮޑު ބްރޭކަކަށްފަހު މިއަހަރު ރާއްޖޭގެ ޖުޖިޓްސޫ ހަރަކާތްތައް ދަނީ ފުޅާދާއިރާއެއްގައި ކުރިޔަށްގެންދަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު