ރާއްޖޭގެ ފުޓުބޯޅަ މިހާރުވެސް އޮތީ ކުޅުންތެރިންގެ ހިތްވަރުން ކަމަށާއި ދުރު ރާސްތާ ޕްލޭނެއް ނެތްކަމަށް ނިއުގެ ކުރީގެ ޗެއާމަންކަން ވެސް ކޮށްފައިވާ އަލީ ވަހީދު ބުނެފިއެވެ.

އަލީ ވަހީދު މިހެން ބުނެފައިވާއިރު އެންމެ ފަހުން ލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ލަންކާ އަތުން އެއްވަރުވެފައެވެ.

ރާއްޖެ ހަތަރު ލަނޑުގެ ލީޑެއްގައި ވަނިކޮށް ލަންކާއިން އެއްވަރުކޮށްފައި ވަނީ ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެންނެވެ. މި ހަތަރު ލަނޑުވެސް ޖަހާފައިވަނީ ލަންކާގެ އެއް ކުޅުންތެރިއެކެވެ. ރާއްޖޭގެ މި ނަތީޖާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ގައުމީ ކޯޗުވެސް ފާހަގަކުރާ ގޮތުގައި ޓީމުގައި ފިޓްނަސް މައްސަލަ އުޅެއެވެ.

ރާއްޖޭގެ ފުޓުބޯޅައާއި ގުޅޭގޮތުން އަލީ ވަހީދު ކުރި މި ޓްވީޓުގައި އޭނާ ބުނެފައިވަނީ ކުޅުންތެރިންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ފިޒިކަލް ފިޓްނަސް، ނިއުޓްރިޝަންސް، ސައިކޮލޮޖިކަލް ޑިވެލޮޕްމަންޓާ ނުލާ ކުރިއަށް ނުދެވޭނެ. ހަމައެކަނި ޓާފް ދަނޑު އެޅިއަކަސް ނުވާނެ. އިންފްރާސްޓްރަކްޗަރގެ އިތުރުން ކުޅުންތެރިންގެ ޑިވޮލޮޕްމަންޓަށް ފޯކަސްކުރަންޖެހޭ" އަލީ ވަހީދު ބުންޏެވެ.

މީގެއިތުރުން އަލީ ވަހީދު ބުނީ ލަންކާ އަތުން މޮޅު ނުވެވި ސާފް ސަރަހައްދުން ބޭރަށް ވިސްނުން ނުގެންދެވޭ ސަބަބު ދެނެގަނެ އިސްލާހީ ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"ނިއު، ވިކްޓަރީ ސަސްޕެންޑްކޮށް، ސާފުން ބޭރަށް ވިސްނުން ނުގެންދެވި، ލަންކާ އަތުން މޮޅު ނުވެވޭ ހިސާބަށް ދިޔާމަ، ގޮތް ދޫކޮށް ކަންކަން އިސްލާޙު ކުރުން މުޙިންމު. ކުރާ ހޭދައާ ބަލާ ނަތީޖާ ދަށް ސަބަބު ދެނެގަނެ އިސްލާޙީ ބަދަލު ގެންނަންޖެހޭ. އެހެން ކުޅިވަރުތަކަށް ބަޖެޓް ތަރުތީބު ކުރަންޖެހޭ" އަލީ ވަހީދު ބުންޏެވެ.