ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިހާރު ކުރިޔަށްގެންދާ ގައުމީ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި އެއްމާބަނޑު ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއް ރައްޒާގު ވާދަކުރަން ޖެހިއްޖެ އެވެ.

ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަބާހާ އާއި ނަބީހާ ފައިނަލުން ޖާގަ ހޯދިއިރު މި މުބާރާތުގެ އެންމެ ފަހުން ބޭއްވި އަންހެން ފައިނަލުގައި ވެސް ވާދަކޮށްފައިވަނީ މި ދެ ކުޅުންތެރިންނެވެ.

އެންމެފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެފަހަރުގެ ފައިނަލުގައި މި ދެ ކުޅުންތެރިން ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ނަބާހާ އެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލުގެ ޖާގަ ނަބާހާ ހޯދާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަފްނާން ރަޝީދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނަބާހާ ކާމިޔާބުކޮށްފައިވަނީ 21-10 އަދި 21-10 އިންނެވެ. ފައިނަލަށް ނަބީހާ ދަތުރުކުރީ ނީލާ ނަޖީބު ބަލިކޮށްގެންނެވެ. އެއީ 21-10 އަދި 21-11 އިންނެވެ.

މުބާރާތުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުން އަންނަ މި ދެ ކުޅުންތެރިން ވަނީ އޮޓަމެޓިކް ޖާގައާއެކު އަންހެން ޑަބަލްސް ފައިނަލުގައި ވެސް ވާދަކުރެވޭ ގޮތް ވެފައެވެ. އެއީ މި ބައިގައި ވާދަކުރި ތިން ޕެއާގެ ތެރެއިން ރޭންކިން އެންމެ މަތީ ދެ ކުޅުންތެރިންނަށް ފައިނަލުން ޖާގަ ލިބޭގޮތަށް އޮތީމައެވެ.

ނަބާހާ އާއި ނަބީހާ އާއެކު ޑަބަލްސް ފައިނަލުގައި ވާދަކުރާނެ ޕެއާ އަކީ އަމިނަތު ޝަހުރުނާޒްގެ އާއި މައިޝާ ފަތުހުﷲ އިސްމާއީލްގެ ޕެއާ އެވެ.

މީގެއިތުރުން މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލަށް ތޯއިފް ވަނީ ދަތުރުކޮށްފައެވެ. އޭނާ ފައިނަލަށް ދިޔައީ ސެމީފައިނަލުގައި ޒަޔާން ޒަކީ ބަލިކޮށްގެންނެވެ. އެއާއެކު ފައިނަލުގައި ބައްދަލުކުރާ ދެ ކުޅުންތެރިންނަކީ ނިބާލް މުހައްމަދާއި ތޯއިފް އެވެ.