ސްރީލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ކުޅޭ ފަސްވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދިވެހިރާއްޖެ އާއި ސީޝެލްސް އެވެ. އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ގައުމުތަކުގެ ތެރެއިން ދާދި އެއްގޮތް ކަންތައްތަކެއް ހިމެނޭ މި ދެ ގައުމު މިހާތަނަށް ފުޓުބޯޅައިގެ ތާރީހުގައި މާ ގިނަ ފަހަރަކު ބައްދަލުވެފައެއް ނުވެއެވެ.

ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ސީޝެލްސް ފެންނަނީ ވަރަށް އުއްމީދު ބޮޑުކޮށެވެ. އެ ޓީމުގެ ހަލުވި އަދި ދިގު ކުޅުންތެރިންގެ އުނދަގޫ ކޮންމެ ޓީމަކަށްވެސް ކުރިމަތިވެއެވެ. އެގޮތުން އެ ޓީމު ބަންގްލަދޭޝް އާއި ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ކުޅުންތެރިންގެ ތަފާތު ފެނުނެވެ. ކޮށްޓުމާއި ނެއްޓުން، ހަލުވި ޕާސްތަކެއް، ޓެކްނިކަލީ އަދި ފިޒިކަލީ ވަރުގަދަ ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިއްބެވެ.

މުބާރާތުގައި ސީޝެލްސް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ބަންގްލަދޭޝް އާއެވެ. އެ މެޗުގެ ފުރަތަމަ ހާފު ބަންގްލަދޭޭޝް އިން މޮޅަށް ކުޅެ ލީޑު ނަގާފައިވަނިކޮށް ދެވަނަ ހާފުގައި ބަންގްލަދޭޝް ކުޅުންތެރިން ވަރުބަލިވި ތަންކޮޅުގެ ފައިދާ ނަގައިގެން ސީޝެލްސް ވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު ނަތީޖާ ހަމަހަމަކޮށްފައެވެ. އެ މެޗުގައި ވެސް ސީޝެލްސް ކުޅުންތެރިންގެ ފިޓްނަސް ތަފާތުކަން ފާހަގަވިއެވެ.

އޭގެފަހުން މުބާރާތް ބާއްވާ ލަންކާއާއި ދެކޮޅަށް ސީޝެލްސް ދެއްކި ކުޅުން އެ ޓީމު ފުރަތަމަ ކުޅުނު މެޗާއި ހިލާފަށް ވަރުގަދައެވެ. ކުޅުނު ކުޅުންވެސް ރަނގަޅެވެ. ލަންކާއަށް ރަނގަޅު ހަމަލާއެއް ނުއުފެއްދުނީ ސީޝެލްސްގެ ރަނގަޅު އުކުޅުތަކުގެ ސަބަބުންނެވެ. ނަމަވެސް އެ ޓީމަށް އަދިވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ބަންދެއްނުވެއެވެ. އެއީ ދިވެހިރާއްޖެއާއި އެއްވަރުކޮށްލައިގެން ވިޔަސް އެ ޓީމަށް ފައިނަލުގެ ޖާގައެއް ލިބެން އޮތުމުންނެވެ.

ސީޝެލްސް އިން އެންމެފަހުން ކުޅުނު ވޯލްޑްކަޕުގެ އެފްރިކާ ބައްރުގެ ކޮލިފައިންގައި މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވެއެވެ. މި މުބާރާތް ކާމިިޔާބުކުރެވިއްޖެ ނަމަ މިއީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަށެވެ.

ހެޑް ޓު ހެޑް

ރާއްޖެއާއި ސީޝެލްސް މިހާތަނަށް އެންމެ ގިނަ ފަހަރު ބައްދަލުކޮށްފައިވާނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައެވެ. އެ މުބާރާތުގައި ސީޝެލްސް ކޮންމެ ފަހަރަކު ވާދަކުރާއިރު ރާއްޖޭގެ މައްޗަށް އެ ގައުމުން ކުރިހޯދި ފަހަރުތައް މަދެއްނޫނެވެ.

ފީފާގައި ރަޖިސްޓްރީވެގެން މި ދެ ގައުމު މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ގިނައިން މޮޅުވެފައިވަނީ ސީޝެލްސް އެވެ. 2011 އިން ފެށިގެން މި މެޗާއި ހަމަޔަށް މި ދެ ޓީމު ވަނީ ފަސް ފަހަރު ބައްދަލުކޮށްފައެވެ. މީގެތެރެއިން ސީޝެލްސް ތިން ފަހަރު މޮޅުވިއިރު ރާއްޖެ މޮޅުވެފައިވަނީ ދެ ފަހަރުގެ މަތިންނެވެ.

ފީފާ ރަޖިސްޓްރީ މެޗުތަކުގެ ތެރެއިން ރާއްޖެއިން މިހާތަނަށް ސީޝެލްސްގެ މައްޗަށް ކުރިހޯދިފައިވަނީ މާލޭގައި 2011 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ

  • 9 އޯގަސްޓް 2011 : ސީޝެލްސް 5 - ރާއްޖެ 1
  • 22 ނޮވެމްބަރ 2011 : ސީޝެލްސް 0 - ރާއްޖެ 3
  • 24 ނޮވެމްބަރ 2011 : ސީޝެލްސް 1 - ރާއްޖެ 2
  • 27 ނޮވެމްބަރ 2013 : ސީޝެލްސް 3 - ރާއްޖެ 1
  • 29 ނޮވެމްބަރ 2013 : ސީޝެލްސް 2 - ރާއްޖެ 1

މީގެތެރެެއިން 2011 ގެ އޯގަސްޓްމަހު ކުޅެފައިވަނީ އެފަހަރު ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައެވެ. އެފަހަރު މުބާރާތުގެ ފުޓުބޯޅަ އިވެންޓުގެ ޗެމްޕިއަނަކީވެސް ސީޝެލްސް އެވެ. އޭގެފަހުން ނޮވެމްބަރ ގައި މާލޭގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗު ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ.

ދެ ޓީމުން އަރާނެކަމަށް ބެލެވޭ ފުރަތަމަ 11

ސީޝެލްސް

ފޯވާޑް: އެލިޖާ ވުޑްލޭ ޓެމްބޫ، ސްޓެފަން ހޫޖް މޯތް

މިޑްފީލްޑަރުން: ރާޝިދު ޑެން ލަބްރޯސޭ، ވަރެން އެެރިކް މެލީ، ޖޭޔައިވްސް ޕެރީ، ސްޓީވް ބެނޮއިޓް (ކެޕްޓަން)

ޑިފެންޑަރުން: ލިއޮނަލް މެނާއި، ޑޮން މެކްސިމް ފެންޗެޓް، ކެނާ ރިކީ ނޮރީސް، މާކް ޖެނާރޯ

ގޯލްކީޕަރު: އެލްވިން ރޮޑީ މިޗެލް

ދިވެހިރާއްޖެ

ފޯވާޑް: އަލީ އަޝްފާގު، އަލީ ފާސިރު

މިޑްފީލްޑަރުން: ހުސެއިން ނިހާން، އިބްރާހިމް މަހުދީ ހުސެއިން، އިބްރާހިމް އައިސަމް، މުހައްމަދު އުމެއިރު

ޑިފެންޑަރުން: ސަމޫހު އަލީ، ހުސެއިން ސިފާއު ޔޫސުފް، އަކްރަމް އަބްދުލްޢަނީ (ކެޕްޓަން)، ހައިޝަމް ހަސަން

ގޯލްކީޕަރު: އަލީ ނާޖިހު