މެންޗެސްޓަރ ސިޓީ ދޫކޮށް ފެރާން ޓޮރޭސް 46.3 މިލިއަން ޕައުންޑަށް ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާއަށް ބަދަލުވީ ސްޕެއިންގެ ވެލެންސިއާ ދޫކޮށް ސިޓީއަށް ބަދަލުވިތާ 8 މަސްދުވަސް ފަހުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ފެރާން ޓޮރޭސް ބާސެލޯނާއާއި ގުޅުނީ ބޮޑު ރިލީޒް ކްލައުސް ނުވަތަ ކޮންޓްރެކްޓުގެ މުއްދަތުގައި އެހެން ކުލަބަކުން އޭނާ ގަންނަން ބޭނުންވާ އަގު ވަރަށް ބޮޑުކޮށް އެއްބަސްވެގެންނެވެ. އޭނާގެ ރިލީޒް ކްލައުޒް އަކީ އެއް ބިިލިއަން ޔޫރޯ އެވެ.

މިއަދަދަށް ރިލީޒް ކްލައުޒް ދެން ހިމެނޭ ބާސެލޯނާާގެ ކުޅުންތެރިންނަކީ އަންސޫ ފާޓީ އާއި ޕެޑްރީ އެވެ. މި ދެ ކުޅުންތެރިންނަށް މިހާ ބޮޑު ރިލީޒް ކްލައުޒްއެއް ހަމަޖެއްސީ މިއަަހަރުގެ އޮކްޓޯބަރު މަހު އެއްބަސްވުން އާކުރުމަށްފަހު އެވެ.

ފެރާން ޓޮރޭސް ބާސެލޯނާއާއި ގުޅުނީ 2027 ގެ ނިޔަލަށެވެ. ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ބާސެލޯނާއަށް ބޮޑު އަގުގައި ކުޅުންތެރިއަކު ގެނެވޭގޮތް ވީ ދާދިފަހުން ބޭންކުތަކުން ދިން ލޯނުގެ ސަބަބުންނެވެ.

ސްޕެއިންއަށް ނިސްބަތްވާ އުމުރުންް 21 އަހަރުގެ ކުޅުންތެރިޔާ ސިޓީއާއި ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ސްޕެއިންގެ ވެލެންސިއާއިންނެވެ. ސިޓީއާއި ގުޅުމަށްފަހު ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ކުޅުނު 36 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގުގައި އޭނާ ހެދި ހެޓްރިކެއް ވެސް ފާާހަގަކޮށްލެވެއެވެ.

ފެރާން ޓޮރޭސް ވަނީ މި ސީޒަނުގައި މެންޗެސްޓަރ ސިޓީ އެންމެ ފުރަތަމަ ކުޅުނު ހަ މެޗުގައި ކުޅެފައެވެ. ނަމަވެސް ސައުތެމްޓަން އާއި އެއްވަރުވި މެޗަށްފަހު އޭނާ ފެނުނީ ބެންޗުންނެވެ. އެއަށްފަހު ސްޕެއިން ގައުމީ ޓީމަށް ކުޅެމުންދަނިކޮށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި މުއްދަތެއް ހޭދަކުރިއެވެ.