އިންޑިއާގެ ޒުވާނުން ބާރުވެރިކޮށް ފުޓުބޯޅައަށް ޝައުގު އުފެއްދުމުގެ މަގުސަދުގައި އެ ގައުމުގައި ކްރިސްޓިއާނޯ ރޮނާާލްޑޯގެ ބުދެއް ބެހެއްޓި މައްސަލަ ހޫނުވެ ބޮޑު ޒުވާބަކަށް ވެއްޖެއެވެ.

މި ބުދު ބަހައްޓާފައިވަނީ އިންޑިއާގެ ގޯއާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދެއްގައެވެ. މިއީ ގޯއާއަށް ނިސްބަތްވާ ސަރުކާރުގެ އޮފިޝަލުން ބެހެއްޓި ބުދެކެވެ.

ގޯއާގެ އޮފޝަލުން މި ބުދު ބެހެއްޓީ އެ ގައުމުގެ ޒުވާނުންނަށް ފުޓުބޯޅައިން ކުރިޔަށްދިއުމަށް ދޭ ހިތްވަރެއްގެ ގޮތުގައެވެ. ގޯއާ އަކީ އިންޑިއާގެ ފުޓުބޯޅައިގައި ބޮޑު ފޯރިއެއް އޮތް ސަރަހައްދެކެވެ.

ނަމަވެސް އިންޑިއާގެ ސިޔާސީ ފިކުރުގެ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ގޯއާގެ މާޒީގައި ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އިންޑިއާ 1961 ގެ ކުރިން އުޅުނު ދުވަސްވަރުގެ ހަނދާންތައް އާކޮށްދޭ ކަމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ ބަދަލުގައި އިންޑިއާގެ ފުޓުބޯޅަ ތަރިއެއްގެ ބުދެއް ބެހެއްޓުނު ނަމަ ރަނގަޅުވީސް ކަމަށްވެސް ބުނެއެވެ.

ގޯއާގެ މިނިސްޓަރ މައިކަލް ލޯބޯ ވިދާޅުވީ މިއީ އިންޑިއާގެ ތާރީހުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ބުދެއް ބެހެއްޓި ފުރަތަމަ ފަހަރު ކަމަށާއި މިއީ ޒުވާނުން ބާރުވެރިކުރުވަން ކުރި ކަމެއް ކަމަށެވެ.

"އަހަރެން ބޭނުން އިންޑިއާގެ ފުޓުބޯޅަ އެހެން ހިސާބަކަށް ގެންދަން، މި ބުދާއެކު ސެލްފީ އާއި ފޮޓޯތައް ނަގާ ޒުވާނުންގެ ތެރޭގައި ވައިރަލްވެގެން ޒުވާނުންނަަަށް މި ބުދުގެ ސަބަބުން ކެރިއަރެއް ބިލްޑްކުރުމަކީ އަހަރެންގެ އެންމެ ބޮޑު އުއްމީދު" ގޯއާގެ މިިނިސްޓަރ ބުންޏެވެ.

މިކަމާއި ދެކޮޅަށް އަޑުއުފުލާ އެންމެ ބޮޑު އެކަކަކީ ގޯއާގެ ކަލަންގޫޓޭ ސްޓޭޓުގެ ރައީސް ޕްރަމަނަންދް ދިވްކާރު އެވެ. އޭނާ ދެކޭގޮތުގައި ރޮނާލްޑޯއަށް ވުރެ ގޯއާގެ ފުޓުބޯޅަ ލެޖެންޑެއްގެ ބުދެއްވެސް ބެހެއްޓުން މާ ރަނގަޅު ކަމަށެވެ.

"މިތަނުގައި އެބަތިބި ވަރުގަދަ ފުޓުބޯޅަ ކުޅުންތެރިން ކުޅެފައި، މިސާލަކަށް ބްރޫނޯ ކުޓީނިއޯ ނޫނީ ޔޮލާންޑޯ ޑި ސައުޒާ، މުޅި ގައުމު ތަމްސީލުކޮށް މުޅި ގައުމަށް ފަހުރުވެރިކަން ގެނެސްދިން ކުޅުންތެރިން މިއީ، ކީއްވެ މި ކުޅުންތެރިންގެ ބުދެއް ނުބެހެއްޓުނީ؟ " ހިތްހަމަނުޖެހުން ފާޅުކުރަމުން ޕްރަމަނަންދް ވިދާޅުވިއެވެ.

ރޮނާލްޑޯގެ ބުދެއް ބަހައްޓައިގެން މިހާ މައްސަލަ ބޮޑުވި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުގައި ވެސް ރޮނާލްޑޯގެ ބުދެއް ބަހައްޓައިގެން މައްސަލަ ޖެހުނެވެ.

ރޮނާލްޑޯ އުފަންވި މެޑެއިރާގެ އެއާޕޯޓުގައި ބެހެއްޓި މި ބުދުގެ ބައްޓަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުމެއް އަމާޒުވިއެވެ. ނަމަވެސް ފަހުން އެ ބުދު ވަނީ ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފް ހުސެން

    ދެން ކަލޭމެން ގޮވާބަލަ "ރޮނާލްޑޯ އައުޓް" އޭރުން ތިކަންކުރިމީހުން ތިކަން އޮޅުވައިލައިގެން ނިކަން ފާޑުފާޑުގެ ބަޔާންނެރޭނެ. އަދި އެހްންނުގޮވޭނޭކިޔާ އިންޒާރުދީ އެކަންހުއްޓުވަން ފުލުހުން ޗާޖްކުރާނެ.

    9
    2