ކޮވިޑު-19 ގެ ހާލަތުގެ ސަބަބުން ދިވެހި ކުޅިވަރު 2020 ވަނަ އަހަރު ނިންމާލީ 2021 ވަނަ އަހަރަށް ގިނަ ކަަންތައްތަަކެއް ޕްލޭންކުރުމަށްފަހު އެވެ. އެއީ އެ އަހަރު ކޮވިޑުގެ ހާލަތު އޮތްގޮތުން ރާއްޖެއިން ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިނުވެވުމުންނެވެ. އަދި ބޮޑެތި މުބާރާތްތައް 2021 އަށް ފަސްކުރުމުންނެވެ.

ދިވެހި ކުޅިވަރަށް އުއްމީދުގެ އަލިކޮޅެއް ގެނެސްދިނީ 2021 ގައެވެ. އެއީ އޭގެ ކުރީ އަހަރު ރާއްޖޭގެ ހުރިހާ ކުޅިވަރެއް ކަހަލަ ގޮތަކަށް އޮތީ ހުއްޓުމަކަށް އައިސްފައެވެ. ދިވެހި ސަރުކާރުން 2019 ވަނަ އަހަރު ވަނީ ޖެހިގެން އޮތް 2020 ވަަނަ އަހަރަށް ގިނަ ކަންކަން ޕްލޭންކޮށްފައެވެ. ނަމަވެސް އެކަމަށް މަޑުޖެހުމެއް އައިސް 2021 ވަނަ އަހަރު ވެގެންދިޔައީ އެ ކަންކަމުގަައި ކުލަޖެހެން ފެށި އަހަރެއްގެ ގޮތުގައެވެ.

ސަރުކާރުން ކުޅިވަރު އުމްރާނީ ވަސީލަތްތަކަށް ބޮޑު ހޭދައެއް

ހއ. ދިއްދޫ ފުޓްބޯޅަ ޓާފް ދަނޑު | ވަގުތު އިމޭޖަސް : މުހަންމަދު އަފްޒަލް

ދިވެހި ސަރުކާރުން 2019 އިން ފެށިގެން ޕްލޭންކުރަމުން އައި ގިނަ ކަންތައްތަކެއް 2021 ވަނަ އަހަރު ވަނީ ފަށާފައެވެ. ސަރުކާރުން ކުޅިވަރަށް ނިމިދިޔަ އަހަރު ވަނީ ޖުމްލަ 187 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މީގެތެރެއިން އެންމެ ގިނަ މަސައްކަތް ނިންމާފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ނިންމި އައުޓްޑޯ ޖިމްތަކެވެ. އަހަރު ނިމުނުއިރު 35 ރަށެއްގައި މި އައުޓްޑޯ ޖިމް ވަނީ އަޅާފައެވެ.

އައުޓްޑޯ ޖިމް އާއި ޖެހިގެން ދެންމެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުޅިވަރާބެހޭ ވުޒާރާއިން ކުރީ ރާއްޖޭގެ އެކި ކަންކޮޅުތަަކުގައި ގާާއިމުކުރާ ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަަތެވެ.

"ވަގުތު" އިން ބެލި ބެލުމުން 2021 ވަނަ އަހަރު އެންމެ ގިނަ މަސައްކަތްކުރީ ފުޓުބޯޅަ ދަނޑޫގެ ސަބް ބޭސް މަސައްކަތެވެ. އެގޮތުން އަހަރު ނިމުނުއިރު ޖުމްލަ 12 ދަނޑެއްގެ ސަބް ބޭސް ނިމުނުއިރު 23 ރަށެއްގެ ސަބް ބޭސް މިހާރު ދަނީ ކުރިޔަށެވެ. އަދި ކޮންޓްރެކްޓް ކޮށްފައިވާ ތިން މަޝްރޫއެއް ހިމެނޭއިރު ޓެންޑަރިން މަރުހަލާގައި ދެ ދަނޑެއް ވެއެވެ.

އަހަރު ނިމުނުއިރު ހަތް ރަށެއްގައި ޓާފް ދަނޑު ވަނީ އަޅާފައެވެ. އަދި މި ހަތް ރަށުގެ ވަށާފާރުގެ އިތުރުން ފެންސުވެސް ޖަހާފައިވެއެވެ. އަދި 9 ދަނޑެއްގައި ޓާފް އެޅުމުގެ މަސައްކަތް ކުރިޔަށްދާއިރު، ޓެންޑަރިން މަރުހަލާގައި 20 ދަނޑެއް އެބަވެއެވެ.

މީގެއިތުރުން މި ސަރުކާރުން ވަނީ 2021 ވަނަ އަަހަރު 4 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާފައެވެ. އަދި މިހާރު މަސައްކަތް ހިނގަމުންދާ 3 ދަނޑެއް އެބަވެއެވެ.

ސަރުކާރުން 2022 ވަނަ އަހަރަށް އެންމެ ގިނަ މަޝްރޫއުތައް ކޮންޓްރެކްޓް ކޮށްފައިވަނީ ވޮލީބޯޅައިންނެވެ. އެގޮތުން 26 ވޮލީ ކޯޓު އެޅުމަށް 2021 ވަނަ އަހަރު ވަނީ ކޮންޓްރެކްޓް ކޮށްފައެވެ. އެހެންކަމުން މިއަހަރު ގިނަ ވޮލީ ކޯޓުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

2021 ގެ ކުރީކޮޅު، ކުޅިވަރު ހަރަކާތްތައް މެދުކަނޑާލި، ބޮޑެތި ގޮންޖެހުންތަކެއް

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން

ރާއްޖެއިން 2021 ވަނަ އަހަރު ފެށިއިރު ކޮންމެވެސް ވަރެއްގެ އުއްމީދުތަކެއް އޮތެވެ. ބޯޑަރުތައް ހުޅުވާލުމާއި އެކު ފަތުރުވެރިން މަޑުމަޑުން އައިސް ދިވެހި އިގްތިސާދަށް ލުޔެއް ލިބެން ފެށިއެވެ. ނަމަވެސް ކަން ދިމާވި ގޮތުން ދިވެހި ކުޅިވަރު ފަށައިގަތުމަށް އަނެއްކާވެސް ގޮންޖެހުން ކުރިމަތިވީ އެންމެ ބޮޑު ކޮވިޑުގެ ރާޅު ރާއްޖެއަށް ބިންދާލި ހިސާބުންނެވެ.

އޭރު ރާއްޖޭގެ ގައުމީ ޓީމާއި އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމުތައް އޮތީ މުބާރާތައް ތައްޔާރުވެފައެވެ. އަދި ދިވެހި ޕްރިމިއަރ ލީގުވެސް ފެށުނުތާ މާގިނަ ދުވަހެއް ނުވެއެވެ. އެއާއެކު އެތަކެއް ފަހަރު މި ޓީމުތައް ފަރިތަކުރުންތައް ހުއްޓާލަން ޖެހުނުއިރު އަލުން ފުޓުބޯޅަ ދަނޑުތައް ހުޅުވުމުގެ ހުއްދަ ލިބުނީ ހަރުކަށި ގައިޑްލައިނެއް އެކުލަވާލުމަށްފަހު އޭގެ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އެއީ ކުޅުންތެރިންނާއި ޓީމުތަކުން އާދޭސްކުރުމުންނެވެ. ލީގުގެ ކުޅުން އަލުން ފެށީ މަސްދުވަސް ފަހުންނެވެ.

މީގެއިތުރުން އަތޮޅުތަކުން ވެސް އެ ދުވަސްވަރު ރޭވި ގިނަ ކުޅިވަރު މުބާރާތްތަކެއް ވެސް ހުއްޓާލަން ޖެހުނެވެ. ގާތްގަނޑަކަށް ތިން ހަފުތާއެއްހާ ދުވަސްފަހުން ކޮވިޑުގެ ވޭދަނަތަށް މަދުވުމުން އަނެއްކާވެސް ކުޅިވަރުތައް މަޑުމަޑުން ފަށައިގަތެވެ. އެންމެ ފުރަތަމަ ފުޓުބޯޅައިން ފެށި ނަމަވެސް މަޑުމަޑުން އެހެން ކުޅިވަރުތައް ވެސް ފެށިއެވެ.

އޭރު ބޯމަތިވެފައި އޮތް ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ރާއްޖެ ތައްޔާރުވީ ހޮޓެލް ޖެންގައި ކޭމްޕުކޮށްގެންނެވެ. އެ ދަތި ހާލުގައި ތަމްރީނުވާން މަޖުބޫރުވީ އެޗްޕީއޭއިން އެއްވެސް ދަނޑެއްގައި ފަރިތަކުރުމުގެ ހުއްދަ ނުދިނުމުންނެވެ.

ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި ބޮޑެތި އުމްރާނީ ވަސީލަތްތަކެއް

ބިލިއާޑް ފެސިލިޓީގައި ކުރިޔަށްދިޔަ ގައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ

ކޮވިޑުގެ ސަބަބުން ދިވެހި ކުޅިވަރުތަކަށް މަޑުޖެހުމެއް އައި ނަމަވެސް އުމްރާނީ ވަސީލަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމެވެ. މިއީ މިހާތަނަށް ބިލިއާޑްގެ ހަޔާތުގައި ރާއްޖެއިން އެޅި އެންމެ ބޮޑު ފިޔަވަޅެވެ. މިތަން މާލޭގައި ހުޅުވީ ދުނިޔޭގެ ޕޫލް ޓްރިކް ޝޮޓް ޗެމްޕިއަން ފްރާންސުގެ ފްލޯރިއަން (ވެނޮމް) އާއެކުގައެވެ.

މިތަނުގައި 16 މޭޒު ހުންނައިރު ކުރިން މިތަނުގައި ހުންނަނީ 4 މޭޒެވެ. މި މޭޒުތައްވެސް ބަދަލުވެފައިވާއިރު މިތަނުގަައި ބައިނަަލްއަގްވާމީ ބޮޑެތި ބިލިއާޑް މުބާރާތްތައް ބޭއްވޭނެއެވެ. މީގެއިތުރުން ހުޅުމާލޭގައި ވެސް ވަނީ ބިލިއާޑް އަށް ހާއްސަ ތަނެއް ހުޅުވާފައެވެ.

މީގެއިތުރުން ރާއްޖޭގައި އެތްލެޓިކްސްގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށި މާލޭގެ އެކުވެނި އައުޓްޑޯގައި ސިންތެޓިކް ޓްރެކެއް އެޅުން ވެގެންދިޔައީ 2021 ވަނަ އަހަރު ފާހަގަކޮށްލެވުނު ބޮޑު ކަމަކަށެވެ. އިންޑިއާގެ އެހީގައި މި ޓްރެކް ހުޅުވީ އަހަރުގެ ކުރީކޮޅުގައެވެ.

ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް މާލޭގައި ހުޅުވުމުންނެވެ. ކުރީގެ ކުނިގޮނޑު ސަރަހައްދުގައި މި ކޯޓުގެ މަސައްކަތްތައް ނިންމިއިރު އަދި މިހާތަނަށް މިތަން ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ލަންކާގެ މުބާރާތުން ނާކާމިޔާބީ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނަކަށް އިންޑިއާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕުގެ ބިޑު ކާމިޔާބުކުރިިއިރު މިފަހަރުގެ މުބާރާތް ކުރިޔަށްދިޔައީ ލީގު އުސޫލުން ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށެވެ. ޖުމްލަ ފަސް ޓީމެއް ވާދަކުރިއެވެ. އެއީ އިންޑިއާ، ރާއްޖެ، ސްރީލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

ބޮޑު ހަރަދުތަކާއެކު "މަގޭ މަހަލްދީބު" ޝިއާރުގެ ދަށުން ކެމްޕޭނެއް ރާއްޖޭގައި ކުރިޔަށްދިޔަ އިރު ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި ވަރަށް ބޮޑަށް ގަދަވެގެންދިޔަ އެވެ. ނަމަވެސް މުބާރާތުން ރާއްޖެއަށް ލިބުނީ އުއްމީދުކުރި ނަތީޖާއެއް ނޫނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ މެޗްގެ ތެރެއިން:- ވަގުތު އިމޭޖެސް- އަބްދުالله އަބީދް

ފުރަތަމަ މެޗުގެ ފަހުކޮޅު ނޭޕާލް އަތުން ބަލިވިއެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލުން ރާއްޖެ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. އެއާއި ޖެހިގެން ކުޅުނު މެޗުތަކުގެ ތެރެއިން އިންޑިއާ ފިޔަވާ އެހެން ހުރިހާ ޓީމެއް ރާއްޖެ ބަލިކުރިއެވެ. ރާއްޖެ ފައިނަލަށް ނުގޮސް ކެޓީވެސް އިންޑިއާ އަތުންނެވެ.

ސާފް ޗެމްޕިއަންޝިޕް ނިމުމާއި އެކު ލަންކާގެ މަހިންދަރާޖަ ޕަކްސް ފުޓުބޯޅަ މުބާރާތުން ރާއްޖެއަށް ފުރުސަތު ލިބުނެވެ. އަދި މިއީ ސާފް ޗެމްޕިއަންޝިޕުން ކުރިމަތިވި ހިތްދަތިކަމުން އަރައިގަތުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ވެސް ގިނަ ދިވެހިން އަދި ޓީމުވެސް ގަބޫލުކުރި އެވެ.

ނަމަވެސް އެ މުބާރާތުގައި ވެސް ކަންވީ މުޅިން ހީކުރިގޮތަކަށް ނޫނެވެ. މުބާރާތް ބާއްވާ ލަންކާ އަތުން ރާއްޖެ ވީ އެއްވަރެވެ. އަދި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި އެވެ. މިއީ 18 އަހަރުގެ ދިގު ތާރީހުގައި ބަންގްލަދޭޝްއަށް ރާއްޖެ އަތުން މޮޅެއް ހޯދުނު ފުރަތަމަ ފަހަރެވެ.

އޭގެފަހުން ސީޝެލްސް އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ދިވެހި ޓީމަށް ދިވެހި ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކި ދިޔައީ ފަނުފުލުންނެވެ.

ރާއްޖެއިން 2022 ވަނަ އަހަރާާއި ކުރިމަތިލިއިރު މިއަހަރަކީ ގިނަ ކުޅިވަރު މުބާރާތްތަކެއް ކުރިޔަށްދާާނެ އަހަރެކެވެ. ހާއްސަކޮށް ރާއްޖޭގައި ބާއްވާ ބައިނަަލްއަޤްވާމީ މުބާރާތްތައް މިއަހަރު ގިނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ލެއި

    ހައްހައްހައް އެހެންވީމަތާ އައްޑޫ ސިޓީ ކުޅިވަރު އެއްވެސް ހަރަކާތެއް ހިންގިޔަނުދީ 2021ނިންމާލީ.