އޭއެފްސީ އޭޝިއަން ކަޕު ފުޓްސަލް މުބާރާތަށް ރާއްޖެއިން އެކުލަވާލާ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިން އެކުލަވާލުމުގެ ފުރަތަމަ މަސައްކަތް ފަށާނެކަމަށް އެފްއޭއެމުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެންމެ ފުރަތަމަ އެކުލަވާލާނީ ޓީމުގެ ކޯޗިން ސްޓާފުން ކަމަށެވެ. އަދި ޓީމު އެކުލަވާލުމުގެ ބާރު ދޭނީ އެ ކޯޗަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ކޯޗުންނާއި ކުޅުންތެރިން ނެގުމުގައި އެންމެ އިސްކަމެއް ދޭނީ އެންމެފަހުން ނިމިދިޔަ ކުލަބް މޯލްޑިވްސް ކަޕަށެވެ. އެ މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރިއެވެ.

ކުލަބް މޯލްޑިވްސް ކަޕަށް ބެލުމަށްފަހު ކޯޗަކު އިހްތިޔާރުކުރާ ނަމަ އެ މަގާމު ލިބުން ގާތީ އެންމެފަަހުން ނިމުނު މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމުގެ ޗެމްޕިއަން އަދި ރަނަރަޕް ހޯދި ޓީމުގެ ކޯޗުންނެވެ.

ކުޅުންތެރިންނަށް ބަލާއިރު މި މުބާރާތުގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ކުޅުންތެރިން ނަގާނީ ޓީމުގެ ކޯޗު އިހްތިޔާރުކުރާ ކުޅުންތެރިންނެވެ.

ފުޓްސަލްގެ މި ބޮޑު މުބާރާތުގައި ރާއްޖެ ހިމެނެނީ ސެންޓްރަލް އެންޑް ސައުތު ޒޯން ކޮލިފައިންގައެވެ. މި ޒޯނު ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ.

މި ދެ ގްރޫޕުގެ ތެރެއިން ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖެއާއެކު މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ އެންމެފަހުގެ ޗެމްޕިއަން އީރާން އާއި ކިރްގިސްތާނުގެ އިތުރުން ތުރުކުމެނިސްތާނެވެ.

މި ޒޯނުގެ ގްރޫޕު ބީގައި ހިމެނެނީ ތަޖިކިސްތާނާއި އުޒްބަކިސްތާނުގެ އިތުރުން އަފްގާނިސްތާނާއި ނޭޕާލެވެ. މި ޒޯނުގެ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު މުބާރާތަށް ކޮލިފައިވާނެ އެވެ. ކޮލިފައިންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން 15 ޓީމެއް މުބާރާތުގައި ވާދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު