އިޓާލިއަން ލީގުގައި ވެނެޒިއާ ކޮޅަށް ޖެހި ލަނޑާއެކު އޭސީ މިލާނުގެ ތަރި ޒްލަޓާން އިބްރަހިމޮވިޗް ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުގެ ރެކޯޑަކާއި އަރާ ހަމަކޮށްފި އެވެ.

އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ ވަނީ މި ސީޒަނުގައި މިހާތަނަށް އޭނާ ކުޅެދިން 13 މެޗުގައި އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

އެއާއެކު އިބްރަހިމޮވިޗް ވެފައިވަނީ ޔޫރަޕުގެ އެންމެ ބޮޑެތި ލީގުތަކުގެ 80 ޓީމު ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. މި ޝަރަފް މިހާތަނަށް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. ރޭ ޖެހި ލަނޑާއެކު އިބްރަހިމޮވިޗް މި ވަނީ މި ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

އޭސީ މިލާނުން އިބްރަހިމޮވިޗް ގެ ސޮއި ހޯދާފަައިވަނީ 2020 ގެ ޖެނުއަރީގައެވެ. އޭގެފަހުން ކުޅުނު މެޗުތަކުގަައި އޭނާ ވަނީ މިލާނަށް ޖުމްލަ 36 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ މިހާތަނަށް ބޮޑެތި ހަތް ކުލަބަށް ކުޅެފައެވެ. އަދި ޔޫރަޕުން ބޭރުން އެމެރިކާގެ އެލްއޭ ގެލެކްސީއަށް ވެސް އޭނާ ވަނީ ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު