އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ޒިމްބާބްވޭ ބަލިކޮށް ސެނެގާލްގެ ފެށުން ރަނގަޅުކޮށްފި އެވެ.

ސެެނެގާލް މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމު މޮޅުކޮށްދިން ހަމައެކަނި ލަނޑު ޖަހާދީފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ކޮވިޑުގެ ދަންތުރައެއްގައި ޖެހި މި މެޗުގައި ސެނެގާލްގެ މުހިއްމު ބައެއް ކުޅުންތެރިންނަށް މި މެޗު ގެއްލުނެވެ. އަދި މެޗުގެ ކުރިން ހެދި ޓެސްޓުތަކުން އެއް ކުޅުންތެރިއަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެތެރޭގައި ޔޫރަޕަށް ކުޅެމުން އަންނަ އެ ގައުމުގެ ބައެއް ކުޅުންތެރިން ހިމެނެއެވެ.

ސެނެގާލް އަށް މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޒިމްބާާބްވޭގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެއްސުމުގެ ސަބަބުންނެވެ. ރެފްރީ މި ނިންމުން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އެވެ.

މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމުގެ އިތުރުން މާނޭ ވަނީ މި މެޗުގައި އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅު އިދްރީސާ އަށް މާނޭ ތަނަވަސްކޮށްދިން ފުރުސަތު ފާހަގަކޮށްލެވެއެވެ.

ސެނެގާލް ހިމެނޭ ގްރޫޕު ބީގައި ރޭ މަލާވީ އާއި ގިނީ ބައްދަލުކުރި މެޗު 1-0 އިން ގިނީ ވަނީ މެޗު ކާމިޔާބުކޮށްފައެެވެ. މީގެއިތުރުން ގްރޫޕް ސީގެ މެޗެއްވެސް ރޭ ކުޅުނެވެ. އެގޮތުން ގާނާ ވަނީ 1-0 އިން މޮރޮކޯ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު