ތުރުކީ ލީގުގައި ކުޅެމުން އަންނަ އެ ގައުމުގެ ފުޓުބޯޅަ ތަރި އަހްމަދު ކާލިކް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ މަރުވީ ޓީމުގެ ފަރިތަކުރުންތަކަށް ފަހު ލިބުނު އޮފް ދުވަހު އޭނާގެ ކައިވެނި ޕްލޭނުކުރަން ދިޔަ މަގުމަތީގައެވެ.

އޭނާ މަރުވީ ތުރުކީގެ އަންކާރާ ސިޓީގެ މައި މަގެއްގައި އޯވަޓާން ނުވަތަ އައި ކޮޅު އަނބުރާލަން އުޅުމުގެ ތެރޭގައި ކާރު ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ކާރުގައި އިނީ އޭނާ އެކަނި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކުރިން ތުރުކީގެ މަޝްހޫރު ގަލަޓަރަސާއި އަށްވެސް ކުޅުނު ކުޅުންތެރިޔާ މަރުވީ އެ ހާދިސާ ހިނގިތާ މާގިނައިތަކެއް ނުވަނީސް އެ އެކްސިޑެންޓުވި ސަރަހައްދުގައި ކަމަށް ތުރުކީގެ ކަމާބެހޭ އޮފިޝަލުން މައުލޫމާތުދެއެވެ.

ކާލިކް ދަތުރުކުރި ކާރު އެކްސިޑެންޓުވެފައި

ތުރުކީގެ މަޝްހޫރު ފޮޓޯމެކް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުޅުންތެރިޔާގެ ޖަނާޒާގެ ކަންކަން އޭނާ ކުޅެމުން އަންނަ ކޮންޔަސްޕޯ އިން ފުރިހަމަކުރުމަށް ވަނީ ނިންމާފަައެވެ. އަދި މި ހިތާމާގައި އެ ކުލަބުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

" މިއީ މި ކުލަބަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް، އޭނަ މި ކުލަބަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ކުލަބާއި ސިޓީއާއި ސަޕޯޓަރުންގެ ލޯބި ހޯދި، މި ހިތާމައިގައި އާއިލާއަށް ތައުޒިޔާ ކިޔަން، " ކޮންޔަސްޕޯ ގެ ބަޔާނުގައިވެއެވެ.

އެއާއެކު އެ ކުލަބުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ލީގު މެޗު ފަސްކޮށްދިނުމަށް އެ ގަައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ކިބައިން އެދިފައެވެ.

މި ހިތާމަައިގައި ދުނިޔޭގެ އެކި ކަންކޮޅުތަަކުން ފުޓުބޯޅަ ކުޅުންތެރިން ދަނީ ތައުޒިޔާ ކިޔަމުންނެވެ. މީގެތެރޭގައި މަރުވި ކުޅުންތެރިޔާއާއި އެކު މީގެކުރިން ގަލަޓަރަސާއި އަށް އެއްކޮށް ކުޅުނު އަދި މިހާރު އާސެނަލްގެ ތަރި ލޫކަސް ޕޮޑޮލްސްކީ ވެސް ވަނީ މި ހިތާމައިގައި ބައިވެރިވާކަން ހާމަކޮށް ޓްވީޓުކޮށްފައެވެ.

ކާލިކް ވަނީ 2013 ވަނަ އަހަރު ބޭއްވި 20 އަހަރުންދަށުގެ ވޯލްޑްކަޕުގައި ތުރުކީ ތަމްސީލުކޮށްފައެވެ. އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު އޮތީ ތުރުކީ ލީގުގެ ތާވަލުގެ ދެވަނައިގައެވެ. ކާލިކް އަކީ ޓީމުގެ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު