ރާއްޖެ އައުމަށްފަހު ހެދި ކޮވިޑު ޓެސްޓުން ފައްސިވުމުން 10 ދުވަހު ކަރަންޓީނުގައި ހުރުމަށްފަހު ޖަރުމަނު ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާ ފުރައިފިއެވެ.

ޖަރުމަނުގެ މީޑިއާތައް ރިޕޯޓުކޮށްފައިވާ ގޮތުގައި ނޯޔާ ވަނީ އެނބުރި ގައުމަށް ގޮސް ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ނަމަވެސް ޓީމުގެ ބައެއް ކުޅުންތެރިން އަދިވެސް ތިބީ ކަރަަންޓީނުގައެވެ.

މީގެތެރޭގައި ރާއްޖޭގަައި ވެސް ބައެއް ކުޅުންތެރިން އެބަތިއްބެވެ. ކަރަންޓީނުގައި ތިބި ބައެއް ކުޅުންތެރިންގެ ތެރޭގައި ބަޔާންގެ ފުލްބެކް ފްރާންސްގެ ލޫކަސް ހެނާންޑޭޒް ހިމެނެއެވެ. އޭނާ ދިހަ ދުވަސް ހަމަވާން ބާކީ އޮތީ ދެތިން ދުވަހެވެ.

ނޯޔާ ނެތި ޖަރުމަނު ލީގުގައި ބަޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި ވަނީ މޮންޗެންގްލަޑްބަޗް އަތުން 2-1 އިން ބަލިވެފައެވެ. މި މެޗުން ބަލިވިއިރު ނޯޔާ ހުރީ ކަރަންޓީނުގައެވެ. ނޯޔާ ނެތުމުން އެ ޓީމުގެ ކޯޗު ނާގެލްސްމަން ވެސް ވަނީ ކަންބޮޑުވެފައެވެ.

ބަޔާންގެ ޖާރޒީގައި ނޯޔާ އެންމެ އަވަހަށް ދެން ފެނުން ގާތީ މި ހަފުތާގައި ކޮލޯނަ އާއި ދެކޮޅަށް ކުޅޭ މެޗުގައެވެ.

ބަޔާންގެ އިތުރުން ޖަރުމަނު ލީގުގެ ބައެއް އެހެން ކުޅުންތެރިންވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ލީގުގެ އެހެން ކުލަބުތަކަށް ވެސް ވަނީ މި ބިރުވެރިކަން ކުރިމަތިވެފައެވެ.